27 Aug 2018, 21:11
ފަސް ދާއިރާ އަކުން މަތީ ތައުލީމު ހާސިލު ކުރުމަށް އޭޑީކޭ އިން ޑޮކްޓަރުންނަށްޚާއްސަ ފުރުސަތެއް ހުޅުވާލައިފިއެވެ.
މި ފުރުސަތުގެ ދަށުން ފަސް ދާޢިރާއަކުން ސްކޯލާޝިޕް ދޭނެއެވެ.
އޭޑީކޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރޭޑިއޮލޮޖީ، ހިމެޓޮލޮޖީ އަދި ރޫމެޓޮލަޖީގެ ދާއިރާ އިން ސްޕެޝަލިސްޓުންނަށް ވުމަށް ސްކޯލާޝިޕް ދޭން ނިންމާފައިވާ ކަމަށެވެ. އަދި ޔޫރޯސާޖަރީ އާއި ގޭސްޓްރޮއެންތްރޮލަޖީގެ ދާއިރާ އިން ސުޕަ ސްޕެޝަލިސްޓުންނަށް ވުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
ސުޕަސްޕެޝަލިސްޓުންނަށް ވުމަށް ދެ ސްކޯލާޝިޕް އަދި ސްޕެޝަލިސްޓުންނަށް ވުމަށް ތިން ސްކޯލާޝިޕް ދޭނެއެވެ.
ސްޕެޝަލިސްޓުނަށް ވުމަށް ސްކޯލާޝިޕަށް އެދޭ ފަރާތަކީ އެމްބީބީއެސް ނިންމާފައިވާ ޑޮކްޓަރަކަށް ވާންޖެހޭނެކަމަށާއި ސުޕަ ސްޕެޝަލިސްޓުންނަށް ވުމަށް ސްކޯލާޝިޕަށް ކުރިމަތިލާ ފަރާތްތަކުން އެމްބީބީއެސްގެ އިތުރުން ވަކި ދާއިރާއަކުން ސްޕެޝަލައިޒްވެފައި ތިބެންވާނެ ކަމަށް އިއުލާނުގައި ވެއެވެ.
ސްކޮލަޝިޕަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން ސީވީ އާއި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި އައިޑީކާޑުގެ ކޮޕީ އަންނަ މަހުގެ 26 ގެ ކުރިން ހުށަހަޅަން ޖެހެއެވެ.
މިއީ އެކި ދާއިރާތަކުން ދިވެހި ޑޮކްޓަރުން ތަމްރީނު ކުރުމަށް އޭޑީކޭ އިން ކުރާ މަސައްކަތުގެ ބައެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.