20 Sep 2011, 18:03
ޓައިމްސް އެޓްލާސްގެ ދުނިޔޭގެ ޗާޓުގެ 14 ވަނަ އެޑިޝަން އިން ރާއްޖެ ފުހެލުމަށް އެ ޖަމިއްޔާ އިން ވިސްނަމުންދާ ކަމަށް ބޭރުގެ މީޑިއާ އިން ބުނެފި އެވެ.
އިނގިރޭސި ވިލާތުގެ ދި ޓެލެގުރާފްގައި ލިޔެފައި ވަނީ، ދުނިޔޭގެ އެންމެ ސައްހަ ޗާޓުތައް ކުރަހާ ޖަމިއްޔާތަކުގެ ތެރޭގައި ހިމެނޭ ޓައިމްސް އެޓްލަސް އިން ދެން އެންމެ އަވަހަށް ނެރޭ އެޓްލަސްގެ އާ ޗާޓުގައި ރާއްޖޭގެ އިތުރުން އޮސްޓްރޭލިޔާ ކައިރީގައި އޮންނަ ޖަޒީރާ ރަށްތަކެއް ކަމަށްވާ ޓުވާލޫ އަދި ބަންގުލަދޭޝްގެ ބޮޑުބަޔެއް ނުހިމަނާނެ ކަމަށް އަޑުފެތުރިފައިވާ ކަމަށެވެ.
އަދި އެޓްލަސްގެ ތަރުޖަމާން ޑޭވިޑް ރޯސް އާ ހަވާލާދީ ލިޔެފައި ވަނީ، އެގައުމުތައް ނުހިނަމަން އެ ޖަމިއްޔާ އިން ވިސްނަމުންދަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސީރިއަސްކަން ދުނިޔެ އަށް އަންގައިދިނުމަށް ޓަކައި ކަމަށެވެ.
ޖޯގުރަފިކަލީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވެދާނެ ކަމަށާއި ނަމަވެސް އެއީ އެމީހުން "ދުނިޔެ ތަސައްވަރު ކުރާ ގޮތް" ކަމަށް ވެސް ޑޭވިޑް އެ ހަބަރުގައި ވިދާޅުވެފައިވެ އެވެ.
"ޖޯގުރަފިކަލީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވެދާނެ، ރާއްޖެ އާ ތުވަލޫ މިއޮތް 10 އަހަރުތެރޭ އެއްކޮށް ނެތިގެން ހިނގައިދާނެ ކަމަށް ބުނުމަކީ. އަހަރުމެންނަށް ފެނުނު ރާއްޖޭގެ ވަޒީރުންގެ މަޖިލިސް ކަނޑުއަޑީގައި ބައްދަލު ކުރިތަން. ރާއްޖޭން އެ ބުނަނީ އެމީހުން އަޑިއަށް ދާ ވާހަކަ. މީހުން ބުނޭ ރާއްޖެއަށް ގިނަ ލާރިހޯދަން ޖެއްސި ސްޓަންޓެކޭ އެއީ. އެކަމަކު މިކަހަލަ ސީރިއަސް މައްސަލައެއްގައި ސަރުކާރަކުން ކީއްކުރަންތަ ދޮގު ހަދާ އޮޅުވާލަންވީ،" ދުނިޔޭގެ ސައްހަ ޗާޓްތައް 1895 އިން ފެށިގެން ކުރަހަމުން އަންނަ އެޓްލަސްގެ ތަރުޖަމާނު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ، ކުރިމަގުގައި ދުނިޔެ އޮންނާނެ ގޮތް މީހުންނަށް ދައްކައިދިނުން މުހިންމު ކަމަށާއި އަދި އެކަމުން ސަލާމަތްވުމަށް މިހާރު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ޓައިމްސްގެ އައުޗާޓުން ރާއްޖެ ފޮހެލުމަށް ވިސްނަމުންދާ ކަމަށް އަޑުފެތުރިފައިވާއިރު މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތް ކުރުމަށް ރައީސް މުހަންމަދު ނަޝީދު ކުރައްވާ މަސައްކަތް ދައްކުވައިދޭ "ދަ އައިލެންޑް ޕްރެސިޑެންޑް" ވަނީ ޓޮރޮންޓޯ ފިލްމް ފެސްޓިވަލްގައި އެންމެ ކާމިޔާބު ޑޮކިއުމަންޓްރީއަކަށް ހޮވިފަ އެވެ.