27 Aug 2018, 18:33
ނޭޕީޑޯ (އޮގަސްޓު 27): މިޔަންމާގެ އަސްކަރިއްޔާގެ ބައެއް އޮފިޝަލުންނާއި ޖަމްއިއްޔާތަކަށް ނިސްބަތްވާ އެކައުންޓުތަކެއް ހިންގުން ފޭސްބުކުން މަނާކޮށްފި އެވެ.
ފޭސްބުކުގެ ބްލޮގްޕޯސްޓެއްގައިވާ ގޮތުން މިޔަންމާގެ އަސްކަރިއްޔާގެ ކޮމާންޑާ އިން ޗީފް މިން އައުންގް ލެއިންގް އާއި އިތުރު ބަޔެއްގެ އެކައުންޓު ހިންގުން ހުއްޓުވަން ނިންމީ 'ނަފުރަތާއި ސައްހަ ނޫން މައުލޫމާތު' ފެތުރުން ހުއްޓުވުމަށްޓަކަ އެވެ.
"ސީނިއާ ޖެނެރަލް މިން އައުންގް ލެއިން އާއި މިޔަންމާގެ އަސްކަރިއްޔާގެ ޓީވީ ނެޓްވޯކު ހިމެނޭ ގޮތަށް، އެގައުމުގެ 20 މީހަކާއި ޖަމްއިއްޔާއެއް މަނާ ކުރަން ފޭސްބުކުން ވަނީ ނިންމާފަ،" ފޭސްބުކުގެ ބްލޮގްޕޯސްޓުގައިވެ އެވެ.
އެޕޯސްޓުގައިވާ ގޮތުން އެސައިޓުން ވަނީ 18 ފޭސްބުކް އެކައުންޓާއި އެއް އިންސްޓަގްރާމް އެކައުންޓާއި 52 ފޭސްބުކު ޕޭޖު މަނާ ކުރަން ނިންމާފައި އެވެ.
ފޭސްބުކުން އެފަދައިން ބުނެފައި ވަނީ، މިޔަންމާގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންނާ ދެކޮޅަށް ގަތުލްއާންމު ހިންގުމުގެ ދައުވާ ކުރުމަށް އިން ގޮވާލި ފަހުންނެވެ.
މިޔަންމާގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކަށް ފޭސްބުކުގެ ޒަރިއްޔާއިން ހިތްވަރު ލިބޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައި އެވެ. އެގޮތުން ދޮގު ހަބަރު ފެތުރުމަށާއި، ރޮހިންގާ ދަރިކޮޅުގެ މީހުންނާ ބެހޭ ސައްހަ ނޫން މައުލޫމާތު ފެތުރުމަށާއި ހަމަނުޖެހުން ހިންގާ އެއްވުންތައް އިންތިޒާމު ކުރުމަށް ބައެއް މީހުން ފޭސްބުުކު ބޭނުން ކުރާ ކަމަށް އެފަރާތްތަކުން ބުނެ އެވެ.