އެމްޑީޕީ ސަރުކާރުގައި ސާކް ސަމިޓު ބާއްވަން އިކުއަޓޯރިއަލް ސެންޓަރު އެޅުމަށް އައްޑޫ ރައްޔިތުންގެ އަތުން ނެގި ގޯތިތައް އަނބުރާ ހޯދަން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހަޅާ ލިޔުންތައް އަދިވެސް ބަލައިގަންނަމުންދާ ކަމަށް ހައުސިން މިނިސްޓްރީއިން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ ކުރިން ކުރި އިއުލާނާއި ގުޅިގެން ހިތަދޫ މާމެންދޫ ސަރަހައްދުން ނެގިފައިވާ ގޯތިތަކާ ބެހޭ ލިޔެކިޔުން ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވި ނަމަވެސް، ގޯތި އަނބުރާ ހޯދަން ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ލިޔުންތައް އަދިވެސް ބަލައިގަންނަމުންދާ ކަމަށެވެ.

އެހެން ނަމަވެސް، އެކަމަށް މިހާރު އެކަށީގެންވާ މުއްދަތެއް ދެވިފައި ވާތީ 06 ސެޕްޓެމްބަރ 2018 ބުރާސްފަތި ދުވަހުގެ ފަހުން އެފަދަ ލިޔުންތައް ބަލައިނުގަންނާނެ ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އެމްޑީޕީ ސަރުކާރުގައި އައްޑޫގެ ރައްޔިތުންގެ އަތުން ގޯތި ނެގީ ބަދަލު ދޭނެ ކަމަށް ބުނެއެވެ. އެހެން ނަމަވެެސް، އެ ގޯތީގެ ބަދަލު އެ ސަރުކާރުގައި ދީފައި ނުވާ އިރު، އެ ގޯތިތަކުގެ ބަދަލުގައި އެހެން ސަރަހައްދުތަކުން ގޯތި ދިނުމަށް ނިންމީ ރައީސް ޔާމީންގެ ސަރުކާރުންނެވެ. މިހާރު އެމްޑީޕީ ސަރުކާރުން ނެގި ގޯތިތަކުގެ ބަދަލު ގިނަ ފަރާތްތަކަށް ވަނީ ދީފައެވެ.

ސާކް ސަމިޓް ބޭއްވުމަށް އެޅި އިކުއަޓޯރިއަލް ސެންޓަރުގެ ބޭނުން ނުހިފި ގިނަ ދުވަސްތަކެއް ވަނީ ގޮސްފައެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި އެތަން ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރަން ނިންމާފައިވާ އިރު މިހާރު އެ މަސައްކަތް ދަނީ ކުރިއަށެވެ.