ސަރުކާރުން އުފައްދާ އެކިއެކި ކުންފުނިތަކުގެ ދަށަށް ދައުލަތުގެ މުވައްޒަފުން ގެންގޮސް، އެ މުވައްޒަފުންނާ މެދު އަމަލުކުރަމުން ގެންދަނީ ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުމާއި ބިރުވެރިކަން އުފެދިގެންދާ ފަދަ ގޮތަށް ކަމަށް ގައުމީ ޕާޓީ އިން ބުނެފި އެވެ.

ގައުމީ ޕާޓީން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޮންމެ ރައްޔިތަކުމެ އެމީހަކު އިހުތިޔާރުކުރާ ވަޒީފާއެއް ނުވަތަ މަސައްކަތެއް ކުރުމަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގެއް ކަމުގައި ވީހިނދު މިއަދު ރާއްޖޭގެ އެކި ހިސާބުންތަކުން ފެންނަނީ ކަންބޮޑުވާން ޖެހޭ ހިތާމަވެރި މަންޒަރުތައް ކަމަށެވެ.

މިސަރުކާރުން ވެރިކަމާ ހަވާލުވީއްސުރެ އެންމެ އިސްކަމެއް ދޭތަން ފެންނަނީ ވެރިކަމުގެ އާރާއި ބާރު ގަދަކުރުމަށް އެކި ނަންނަމުގައި ތަފާތު ކުންފުނިތައް އުފައްދައި އެ ކުންފުނިތަކުގެ އިސް މަގާމުތަކަށް ޕާޓީގެ އިސް އެކްޓިވިސްޓުން ބޮޑު މުސާރަޔާއި އިނާޔަތްތަކާ އެކު ލުމަށް ފަހު ސިވިލް ސާވިސް ފޮތިފޮތިކޮށް ސިވިލް ސާވިސް މުވައްޒަފުން އެކުންފުނިތަކަށް ބަދަލުކޮށްގެން އެމުވައްޒަފުންގެ ކޮންޓްރޯލް ޕާޓީ އެކްޓިވިސްޓުންގެ އަތް މައްޗަށް ގެނައުމަށް ބޮޑެތި މަސައްކަތް ތަކެއް ކުރަމުންދާ ތަން ކަމަށެވެ.

"ސަރުކާރުން އުފައްދާ ކުންފުންޏަކަށް ސިވިލް ސާވިސްގެ މުވައްޒަފުން ބަދަލުކުރާތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އާ އޮނިގަނޑަކަށް އަމަލުކުރަން ފެށުމުގެ ނަމުގައި ކުންފުނީގައި ތިބޭ ސަރުކާރާއި ވިސްނުން ދިމާނުވާ އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމަށް ފަހު ތައުލީމާއި ތަޖުރިބާއަށް ބެލުމެއް ނެތި އެކްޓިވިސްޓުންނަށް އިތުރު ވަޒީފާތަކެއްގެ ދޮރު ހުޅުވާލާ،" ކަމަށް ގައުމީ ޕާޓީގެ ނޫސްބަޔާނުގައިވެ އެވެ.

އެ މުވައްޒަފުންގެ ހިތްތަކުގައިވާ ނުތަނަވަސްކަމާއި ކަންބޮޑުވުން ބިރުވެރި ކަމަކަށް ބަދަލުވެގެންދަނީ އެފަދަ ފަރާތްތަކަށް ގާނޫނީ ގޮތުން ލިބިދޭ ހިމާޔަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދެން ފަށާ ހިސާބުން ކަމަށާއި މީގެއިތުރުން ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާތަކުން އިސްނަގައިގެން އެފަދަ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާތަން ނުފެންނަން ފެށުމުންނާއި ރައްޔިތުންނަށް ގެއްލިގެންދާ ހައްގުތަކާ މެދު ޝަކުވާކުރަން ދާން އޮތް ޝަރުއީ ދާއިރާގެ ތެރޭގައި ވެސް މުވައްޒަފުންނާ މެދު އިހާނެތިކޮށް އަމަލުކުރެވޭތަން ތަކުރާރުކޮށް ފެންނަން ފެށުމުން ކަމަށް އެ ނޫސްބަޔާނުގައިވެ އެވެ.

މިސަރުކާރުން ކުންފުނިތަކުގެ މުވައްޒަފުންގެ އޮނިގަނޑުތަކަށް ބަދަލު ގެނެސް އެތައް ބަޔަކު ވަޒީފާ އިން ވަކިކުރާ އިރު ވެސް އެތަންތަނުގެ ހިންގުމުގެ ހަރަދު ކުޑަވެގެންނުދާއިރު އެތަންތަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ވެސް ރަނގަޅު ވެގެންނުދާ ކަމަށާއި ހިދުމަތުގެ އަގުވެސް ހެޔޮވެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބެމުންނުދާ ކަމަށް ވެސް ގައުމީ ޕާޓީން ބުންޏެވެ.

ގައުމީ ޕާޓީން ބުނީ ދައުލަތުގެ މުވައްޒަފުންނަށް މިހާރަށް ވުރެ ބޮޑަށް ވަޒީފާގެ ރައްކާތެރިކަން ލިބެން ޖެހޭނެ ކަމަށާއި ދައުލަތުގެ ވަޒީފާތަކަކީ އެއްވެސްބައެއްގެ ޒާތީ މަސްލަހަތުގެ މައްޗަށް ބުރަވެފައި އޮންނަން ޖެހޭ އެއްޗެއް ކަމުގައި އެ ޕާޓީން ނުދެކޭ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގައްޔާއި ދައުލަތުގެ އެހެނިހެން ވަޒީފާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ މެދު ކަންކަންކުރުމުގައި އެމުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކޮށްދީ ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެތެރޭގައި އިންސާނީ ވަންތަކަމާ އެކު ކަންކަން ކުރުމަށް ވެސް އެޕާޓީން ވަނީ ގޮވާލާފަ އެވެ.