މ. ނާލާފުށީގެ ބަނދަރުގެ ބޭރު ތޮއްޓާއި އަދި ވ. ކެޔޮދޫގެ ބަނދަރު ހެދުމަށް އެމްޓީސީއާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހިމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރު (ސީއޯއޯ) އަޙްމަދު ކުރިކް ރިޒާ އެވެ.

މިއަދުވި އެއްބަސްވުމުގެ ދަށުން ނާލާފުށީގެ ބަނދަރުގެ ބޭރު ތޮށި ހެދުމަށް ހަވާލުކޮށްފައި ވަނީ 12.4 މިލިއަން ރުފިޔާ އަށެވެ.ީ ނުވަދިހަ ދުވަހުން ނިންމާ ގޮތަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން 123 މީޓަރުގެ ކަނޑު ތޮށި ލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ވ. ކެޔޮދޫގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 20.3 މިލިއަން ރުފިޔާއަށް ހަތަރު މަސް ދުވަހުން ނިންމާ ގޮތަށެވެ. މިއީ އެ ރަށުގެ ބަނދަރުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކެކެވެ.

"ފޭސް 2ގެ ދަށުން ކުރެވޭ މަސައްކަތްތަކަކީ އެއްގަމު ތޮށީގެ ދެކޮޅުގައި އެއްގަމުތޮށީގެ ބައި 164 މީޓަރު ހެދުމާއި ބޭރު ތޮށިލުން 198 މީޓަރު އަދި 70 މީޓަރު ރެވެޓްމަންޓް ލުމާއި އަދި ބަނދަރުގެ ޕޭމަންޓް އެއްގަމު ހެދުމާއި ބައްތި ޖެހުން،" އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.