27 Aug 2018, 16:16
ވ. ފުލިދޫގައި ޖެޓީ އެޅުމަށް 4.9 މިލިއަން ރުފިޔާއަށް އިނާ ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސް ވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހިމް އެވެ. އަދި އިނާ ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފް އެވެ.
އެ މަސައްކަތް އިނާ ޓްރޭޑިންއާ ހަވާލުކޮށްފައި ވަނީ ހަ މަސް ދުވަހުން ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން ހަދާ ޖެޓީގެ ދިގު މިނުގައި 74 މީޓަރު އަދި ފުޅާ މިނުގައި 24 މީޓަރު ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވީ މިއަދު ވި އެއްބަސްވުމުގެ ދަށުން އިނާ ކޮމްޕެނީން އެ މަސަައްކަތް ހަލުވި މިނެއްގައި ގެންގޮސް ރައްޔިތުންނަށް ލުއިފަސޭހަވާތަން ދެކެން ބޭނުންވާ ކަމަށެވެ.
"އެނގިވަަޑައިގެންނަވާނެ ފަދައިން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ބަނދަރު ހެދުމާއި ބަނދަރު ބޭނުން ނުވާ ތަންތަނުގައި ޖެޓީގެ ހިދުމަތް ފޯރުކޮށް ދިނުމަކީ ސަރުކާރުން ވަރަށް އިސްކަންދޭނެ ކަމެއް. އެގޮތުން ހަމަގައި ވެސް ވ. ފުުލިދޫގެ ރައްޔިތުންނަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް." އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.