އައްޑޫ ސިޓީގެ ގިނަ ބިންތަކެއް ހިމަނައި، ފަތުރުވެރިކަމާބެހޭ ކަންކަމަށް ކޮންމެ މާލީ އަހަރަކު ދޫކުރާނެ ރަށްރަށާއި، ބިންބިމާއި، ފަޅުތަކުގެ އަދަދާއި، އެ ތަންތަނާބެހޭ މައުލޫމާތު ހިމެނޭ ލިސްޓު އިސްލާހުކޮށްފިއެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީއިން ކުރި އިއުލާނެއްގައި ވަނީ ލިސްޓަށް އިތުރު ކުރި ނުވަ ބިމެއްގެ މައުލޫމާތު އިތުރުކޮށްފައެވެ. އޭގެ ތެރެއިން ހަ ބިމަކީ އައްޑޫ ސިޓީގެ ބިންތަކެކެވެ.

ލިސްޓަށް އިތުރު ކުރި އައްޑޫ ސިޓީގެ ބިންތައް:

  1. ހިތަދޫއިން 398,265 އަކަފޫޓު ބިން
  2. ފޭދޫއިން 344,445 އަކަފޫޓު ބިން
  3. މީދޫއިން 322,917 އަކަފޫޓު ބިން
  4. މަރަދޫއިން 35,521 އަކަފޫޓު ބިން
  5. ހުޅުދޫއިން 500,000 އަކަފޫޓު ބިން
  6. ހިކަހެރައިން 161,459 އަކަފޫޓު ބިން

މީގެ އިތުރުން އެ ލިސްޓަށް އިތުރުކުރި ބިންތަކުގެ ތެރޭގައި ކ. ދިއްފުށީފަޅުން ހިއްކާފައިވާ ބިމާއި، އެތަނުގެ ވަށައިގެންވާ 2،000 މީޓަރު ފަޅުގެ ސަރަހައްދާއި، އދ. ފެންފުށީގެ 5،000 އަކަފޫޓުގެ ހަތަރު ބިމަކާއި، ހއ. އުލިގަމުގެ 629,264.88 އަކަފޫޓު ބިން ހިމެނެއެވެ.

ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ދޫކުރާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކުގެ ލިސްޓަކީ ގާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ޅ) ގެ ދަށުން ބަލައްޓާ ލިސްޓެކެވެ.