ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމްގެ 30 އަހަރުގެ ވެރިކަމުގެ ދުވަސްވަރު ދިވެހި ރައްޔިތުންނަށް ނުހައްގުން އަނިޔާކޮށްފައިވާ ކަމަށް ބުނެ ސުނާމީ ބިނާކައިރީގައި އެއްވުމެއް ބާއްވައިފި އެވެ.

ގާތްގަނޑަކަށް 100 ވަރަކަށް މީހުން މިއަދު ހަވީރު ސުނާމީ ބިނާކައިރި އަށް ޖަމާވެ ވަނީ އަޑުއުފުލައިފަ އެވެ. އަދި އެ މީހުން ވަނީ ރައީސް މައުމޫންގެ ދުވަސްވަރު އަނިޔާ ލިބި އަދި މަރާފައިވާ ކަމަށް ބުނާ ބައެއްގެ ފޮޓޯތަކެއް ވެސް ދައްކައިފަ އެވެ.

އެ ބައްދަލުވުމުގައި އަޑުއުފުލި މީހުން ގޮވާލައިފައި ވަނީ މައުމޫން އަބުދުލްޤައްޔޫމާއި އެމަނިކުފާނުގެ ސަރުކާރުގައި މަސައްކަތްކުރެއްވި އިސް ބައެއް ބޭފުޅުން އިންސާފްގެ ކުރިމައްޗަށް ހާޒިރުކުރުމަށެވެ. އަދި މައުމޫން އުފައްދާ ޕީޕީއެމް އަކީ ގައުމު ބައިބައި ކުރުމަށް އުފައްދާ ޕާޓީއެއް ކަމަށް ވެސް އެ މީހުން ގޮވި އެވެ.

މީގެ އިތުރަށް އެ މީހުން ވަނީ ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނަށާއި ޝަރުޢީދާއިރާއަށް ވަރަށް ބޮޑަށް ފާޑުކިޔައި އަޑު އުފުލައިފަ އެވެ.