27 Aug 2018, 12:33
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް އަންނަ ބުރާސްފަތި ދުވަހު ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވާކަން ރައީސް އަބްދުﷲ ޔާމީން ރޭ އިއުލާން ކުރައްވައިފިއެވެ.
ޒުވާނުންތަކެއް ޕީޕީއެމްއާ ގުޅުމަށް ރޭ ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބުރާސްފަތި ދުވަހު ބުރިޖު ހުޅުވާނެ ކަމަށާއި ބުރިޖު ހުޅުވުމުގެ ސަބަބުން ހުޅުލެ އާއި ހުޅުމާލެ އަށް ދިއުމަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ބްރިޖު ހުޅުވުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މި މަހުގެ 30 ވަނަ ދުވަހު އެމަނިކުފާނާ އެކު ފަށަން އޮތް ދަތުރަކީ ލޮނުކޮޅެއްގައި ނުޖެހި، މާލޭ ރާޅުގަނޑުން ފެށިގެން ހުޅުމާލެއަށް ކުރާ ދަތުރު ކަމަށެވެ.
"އަޅުގަނޑާއެކު ތިކުދިން ފަށާ ދަތުރަކީ މާލޭގެ ކޮންމެވެސް ހިސާބަކުން، ވަރުނުލާ ރާޅުގަނޑުން ފަށައި ހުޅުމާލެއަށް ލޮނުކޮޅެއްގައި ނުޖެހި ކުރާ ދަތުރު ނޫންތޯ؟ ކީއްވެގެންތޯ އެ ދަތުރު އަޅުގަނޑާއެކު ނުކުރަންވީ؟" ރައީސް ޔާމީން ރޭ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބްރިޖު އެޅުމުގެ ވާހަކަތައް މި ސަރުކާރުން ދެއްކުމާއެކު އިދިކޮޅުން އެ މަޝްރޫއާ މެދު ސުވާލު އުފެއްދި ކަމަށެވެ. އެގޮތުން ބްރިޖު އަޅާނެ ގޮތާއި، އެ މަޝްރޫއަށް ފައިސާ ހޯދާނެ ގޮތްތަކާ މެދު ސުވާލުކުރި ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ގޮނޑި ދުއްވަންވެސް އަންނަންވީ ބްރިޖު މައްޗަށް،" ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކުރައްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ކުރައްވާ ދަތުރަކީ އެއްވެސް ގިންތިއެއްގެ އެއްވެސް މީހަކު ބާކީނުކޮށް ކުރާ ދަތުރެއް ކަމަށެވެ.
"އަޅުގަނޑާ އެކީ މަސައްކަތްކުރާނަމަ، އަޅުގަނޑު ދިވެހި ޒުވާނުންނާ މެދު އުންމީދުކުރަނީ ހަމަ މެދު އުޑުގައި ފިޔަޖަހާ ޒުވާނުންތަކެއް ކަމަށް. ޒުވާނުން ބޭނުންވާ ހުރިހާ ކަމެއް ފުދިގެން ދާނެކަމަށް،" ރައީސް ރޭ ވިދާޅުވިއެވެ.
ބްރިޖު ހުޅުވުމަށް ތައްޔާރުވަމުން އަންނަ އިރު، މާލެއިން ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި ސަރުކާރުގެ ހަރަދުގައި ބްރިޖު މަތީގައި އަލަތު ކައިވެނިކުރުމުގެ ހަރަކާތްތައް އޯގަސްޓް 31 ގައި ކުރިއަށްދާނެ ކަމަށް ހައުސިންގް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.
ބުރިޖު އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ޚަރަދުވެއެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާ އިން ދޭނީ ލޯނު އެހީގެ ގޮތުގަ އެވެ. އެ ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބުރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ފައިނޭންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.