20 Sep 2011, 16:28
ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ މައްސަލަތަކަށް ހާއްސަކޮށްފައިވާ "ދިވެހިންގެ އިގުތިސާދީ ސައްލާ" ޕްރޮގްރާމް އަންނަ މަހުގެ ފަސް ވަނަ ދުވަހު ފަށަން ޔޫއެންޑީޕީން ހަމަޖައްސައިފި އެވެ.
ޔޫއެންޑީޕީން ބުނީ، އެ ޓީވީ ޕްރޮގްރާމްގައި ދައްކާނީ ޔޫއެންޑީޕީއާއި އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ބާއްވާ ހާއްސަ އިކޮނޮމިކް ފޯރަމެއް ކަމަށެވެ. އެ ފޯރަމްގައި ބައިވެރިވާ ތަޖުރިބާކާރުންނާއި ވިޔަފާރިކުރާ ފަރާތްތަކުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ މައްސަލަތަކާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރިކުރުމަށް ތަފާތު މައުލޫމާތު ފޯރަމްގައި ހިއްސާ ކުރާނެ ކަމަށް ވެސް ޔޫއެންޑީޕީން ބުނެ އެވެ.
އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޔޫއެންޑީޕީއާ ދެމެދު ސޮއިކޮށްފައިވާ "އެމްޕްލޯއިމެންޓް އެންޑް އެންޓަޕްރައިސް ޑިވެލޮޕްމަންޓް ފޯ ވިމެން އެންޑް ޔޫތު" ޕްރޮޖެކްޓުގެ ދަށުން ބާއްވާ މި ފޯރަމް ދައްކަން ހަމަޖެހިފައިވަނީ އެމްއެންބީސީންނެވެ. ފުރަތަމަ ޝޯ ދައްކާނީ އޮކްޓޯބަރު ފަސް ވަނަ ދުވަހުގެ ރޭ 11:00 ޖަހާއިރެވެ.
ރެކޯޑްކޮށްގެން ދައްކައި "ދިވެހިންގެ އިގުތިސާދީ ސައްލާ"ގެ ހަ އެޕިސޯޑެއް އެކި ދުވަސްމަތިން އެމްއެންބީސީން ފޮނުވާނެ އެވެ. ޕްރޮގްރާމްގެ ރެކޯޑިން މިހާރު ވަނީ ފަށައިފަ އެވެ.
ފުރަތަމަ ފޯރަމްގައި ވާހަކަދައްކާނީ ރަށްރަށުގެ ދިރިއުޅުން ތަރައްގީކުރުމަށް ޓޫރިޒަމްގެ ދައުރު ފުޅާކުރުމާ ގުޅޭ ގޮތުންނެވެ. ދެވަނަ ފޯރަމް ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ހާއްސަކޮށްފައިވާއިރު ތިން ވަނަ ފޯރަމްގައި މަޝްވަރާކުރާނީ ފައިސާ ފަހަށް ރައްކާކުރުމާއި އިންވެސްޓްމަންޓްއާ ގުޅޭ ގޮތުންނެވެ. އަދި ހަތަރު ވަނަ ޕްރޮގްރާމްގައި ވަޒީފާ ނެތް ޒުވާނުންނާ ގުޅޭ ގޮތުން އަދި ފަސް ވަނަ ޕްރޮގްރާމްފައި އިގުތިސާދުގައި އަންހެނުންގެ ބައިވެރިކުރުމާ ގުޅޭ ގޮތުން ވާހަކަދައްކާނެ އެވެ. ފަހު ޕްރޮގްރާމް ހާއްސަކޮށްފައިވަނީ އިނޮވޭޝަން ނުވަތަ އައު އީޖާދުތަކަށެވެ.
އެ ޕްރޮގްރާމްގެ ބޭނުމަކީ އިގުތިސާދީ މައްސަލަތަކާ ގުޅޭ ގޮތުން ސަރުކާރާއި އެނޫން ފަރާތްތަކާއި މަދަނީ މުޖުތަމައުއާއި ކަމާބެހޭ ފަރާތްތަކުގެ މެދުގައި ހިޔާލުބަދަލުކުރުމުގެ މަގުތަނަވަސްކޮށް، އާއްމުންނަށް މުހިންމު މައްސަލަތަކާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމެވެ.
އެ ފޯރަމްތަކުގެ އޯޑިއަންސްގައި އާއްމުންނަށްވެސް ބައިވެރިވެ، ސުވާލުކުރެވޭނެ ކަމަށް ޔޫއެންޑީޕީން ބުނެ އެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް 7787817 އަށް ގުޅުމަށް ޔޫއެންޑީޕީން އެދިފައިވެ އެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދަނީ ޔޫއެންޑީޕީއާއި ގައުމީ ޔުނިވާސިޓީއާއި އެސްޓީއޯގެ އިތުރުން އެފްޖޭއެސް ގުޅިގެންނެވެ.