27 Aug 2018, 09:41
ސަރުކާރު ހިންގާ މައި ޕާޓީއަށް ވުރެ ބޮޑަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ކެންޑިޑޭޓަށް އެންޓި ކެމްޕެއިން ކުރައްވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރަނިންގް މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު ރޭ ހައްދުއްމަތީ ގަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ރާއްޖެއަށް ގެއްލުން ދިނުމަށް ރާއްޖެއަށް އަރައިގަތުމަށް ވިސްނާ މީހުންނާ ގުޅިގެން ނަޝީދު އެންޓި ކެމްޕެއިން ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އިބްރާހިމް މުހައްމަދު ސޯލިހު ރެއާ ދުވާލު ރަށްރަށަށް އަރައި ދަތުރުކުރަނީ. އަތުޖެހުނިއްޔާ ކޯލިޝަނުން ތިބި ބަޔަކާ އެއްކޮށް. ރައީސް ނަޝީދު ކުރަމުން މިގެންދާ ކަމަކީ އަޅުގަނޑުމެންނަށް ވުރެ މާ ވަރުގަދައަށް އިބްރާހިމް މުހައްމަދު ސޯލހުގެ ކެމްޕެއިނަށް އިދިކޮޅު ހެދުން،" މޫސާ މަނިކު ވިދާޅުވި އެވެ.
މޫސަ ވިދާޅުވި ގޮތުން އިންޑިއާ އިން ރާއްޖެއަކަށް ދެރަގޮތެއް ނުހަދާނެ އެވެ. އެކަމަކީ އިބޫގެ ކެމްޕެއިންނަށް "ޖެއްސުން ކުރުމުގެ ގޮތުން" ނަޝީދު ބަޔަކާ ގުޅިގެން ކުރަމުން ގެންދާ ކަމެއް ކަމަށް މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އެމްޑީޕީ ތެރޭގައި ރައީސް ނަޝީދު ދެން އެއްވެސް މީހަކަށް ނުވާނެ ކަމަށެވެ.
މީހުންނަށް ބިރު ދައްކައިގެން ކަންކަން ކުރުމަކީ އެމްޑީޕީގެ ބައެއް މީހުންގެ ތެރޭގައި އޮންނަ އާދައެއް ކަމަށް މޫސަ ވިދާޅުވި އެވެ. އަދި އިންޑިއާ އިން ރާއްޖެ އަރާނެ ކަމަށް އެ ބުނި ވާހަކައަކީ ވެސް އެމްޑީޕީ އަޑީގައި އޮވެގެން ކުރި ކަމެއް ކަމަށް މޫސަ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
މޫސަ ވިދާޅުވީ މިއަދު ރައީސް ޔާމީން ވެރިކަމުން ބާލަން ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.
"މިފަހަރު ވެސް އިންތިހާބު އަޅުގަނޑުމެން ކާމިޔާބު ކުރާނަން. މިދެންނެވީ ބޮޑުތަނުން އެމީހުން ބަލިކުރާނަމޭ އަޅުގަނޑުމެން. ބޮޑުތަނުން ބަލިކުރީމާ ދެން ނުކުމެ އަޅުގަނޑުމެން ވޯޓު އޮޅުވިއްޔޭ ބުނުމުގެ ކުރީގައި، ވޯޓުލާން ފަށާތާ ހަތަރު ގަޑިއިރު ތެރޭގައި ރައީސް ނަޝީދު އިއުލާނު ކުރާނެ ރައީސް ޔާމީން މޮޅުވެއްޖެ ކަމަށް.،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ރާއްޖޭގެ ރަށަކުން ރައީސް ޔާމީން މެޖޯރިޓީ ނަގާނެ އެންމެ ފުރަތަމަ ރަށަކަށް ވާނީ ހައްދުއްމަތީ ގަން ކަމަށެވެ. އަދި ހައްދުއްމަތިން "ބޮޑު މަންޒަރު ދައްކާލާނަން" ކަމަށް މޫސަ ވިދާޅުވި އެވެ.