ރޭ އިނގިރޭސި ޕްރިިމިއާ ލީގުގައި ފަހު ވަގުތު ޖެހި ގޯލަކާ އެކު ޗެލްސީއިން ނިއުކާސަލްގެ މައްޗަށް ކުރި ހޯދައިފި އެވެ.

ނިއުކާސަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުން ޗެލްސީ 2-1ގެ ނަތީޖާއިން މޮޅުވި އިރު މެޗުގެ ހުރިހާ ގޯލެއް ވެސް ފެނިގެން ދިޔައީ ދެވަނަ ހާފުގަ އެވެ.

ޗެލްސީގެ ފަރާތުން އެޓޭކިން ފުޓުބޯޅައެއް ފެނިގެން ދިޔަ އެ މެޗުގައި ކުޅުމުގެ ތެރެއިން، ގޯލު ޖަހަން އެ ޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބު ކުރީ ޕެނަލްޓީ އޭރިއާގެ ތެރެއިން ނިއުކާސަލްގެ ކުޅުންތެރިއަކު، ޗެލްސީގެ އެލޮންސޯއަށް ކުރި ފައުލްއަކާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުންނެވެ. ހަތްދިހަ ހަ ވަނަ މިނެޓުގައި އެ ޕެނަލްޓީ ކާމިޔާބު ކުރީ ހަޒާޑު އެވެ.

ޗެލްސީއިން ގޯލު ޖެހިތާ މާ ގިނައިރުތަކެއް ނުވަނީސް ނިއުކާސަލް އިން ވަނީ މެޗެގެ ނަތީޖާ އެއްވަރުކޮށް ޗެލްސީ ސިއްސުވާލައިފަ އެވެ. އަށްޑިހަ ތިން ވަނަ މިނެޓުގައި ޖެހި އެ ގޯލަކީ ޑިއަންޑްރޭ ޔެޑްލިން އަރިމަތިން ނަގައިދިން ހުރަހެއް ބޮލުން ފޮނުވާލައިގެން ޖޮސެލޫ ކާމިޔާބު ކުރި ގޯލެކެވެ.

ނަތީޖާ އެއްވަރުވުމާ އެކު ޗެލްސީ އިން އިތުރަށް އެޓޭކުކޮށް މެޗުން ތިން ޕޮއިންޓު ހޯދުމަށް އަލުން މަސައްކަތް ފެށި އެވެ. އެގޮތުން އޭގެ ތިން މިނެޓު ފަހުން ޗެލްސީގެ އެލޮންސޯ ފޮނުވާލި ޝޮޓެއް ނިއުކާސަލްގެ ޔެޑްލިންގެ ފައިގައި ޖެހިފައި ވަނީ ގޯލުގެ ތެރެއަށް ވަދެފަ އެވެ. މެޗު ނިމިގެން ދިޔައީ އެ ނަތީޖާގައި އޮވެގެންނެވެ.

ރޭގެ މެޗަށް ޗެލްސީ ނުކުތް އިރު އެ ޓީމު އޮތީ ލީގުގައި ކުޅުނު ދެ މެޗުން ވެސް ތިން ޕޮއިންޓު ހޯދައިފަ އެވެ. އަދި ނިއުކާސަލްއާ ދެކޮޅަށް ރޭ ނުކުތީ އެ މޮޅުވުމުގެ ރެކޯޑު ދެމެހެއްޓުމުގެ އަޒުމުގަ އެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ފިޔަވައި އެހެން ހުރިހާ ޓީމުތައް ލީގުގައި މިހާރު ތިން މެޗު ކުޅެފައިވާ އިރު ތިން ޓީމަކުން ވަނީ ކުޅުނު ކުރިހާ މެޗެއް ކާމިޔާބުކޮށްފަ އެވެ. އެއީ ލިވަޕޫލް، ޗެލްސީ އަދި ވޮޓްވޯޑް އެވެ. ޖެހި ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ ލިވަޕޫލް އެވެ.