27 Aug 2018, 09:22
އިންޑިއާގެ ކެރެލާ ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީވުމަށް ބޮލީވުޑް ބަތަލާ ކަންގަނާ ރަނައުތު 10 ލައްކަ އިންޑިއަން ރުޕީޒް ހަދިޔާކޮށްފި އެވެ.
އެއީ ގާތްގަނޑަކަށް 15،000 އެމެރިކާ ޑޮލަރެވެ. ކަންގަނާ ފައިސާ ހަދިޔާކޮށްފައި ވަނީ ވިއްސާރާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ހުޅުވައިފައިވާ ޗީފް މިނިސްޓަރުގެ ރިލީފް ފަންޑު މެދުވެރިކޮށެވެ.
އިންޑިއާ ސަރުކާރުން ކެރެލާ ހަމައަކަށް އަޅުވައި، ހާލުގައި ޖެހިފައިތިބި މީހުންނަށް ވީ އެންމެ ބޮޑަކަށް އެހީތެރިކަން ފޯރުވައިދޭން މަސައްކަތް ކުރަމުން އަންނަ އިރު، ބޮލީވުޑް ފަންނާނުން ވެސް އަންނަނީ ބޮޑެތި އެހީތައް ދެމުންނެވެ.
ކަންގަނާގެ އިތުރުން އިއްޔެ ބަތަލާ ސަނީ ލިއޯނީ ވެސް ވަނީ ފިރިމީހާ ޑެނިއަލް ވެބާގެ ފަރާތުން ކެރެލާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް 1.3 ޓަނުގެ ހަނޑުލާއި މުގު ހަދިޔާކޮށްފަ އެވެ.
ކެރެލާ އަށް ކުރަމުންދާ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 324 އަށް ވުރެ މައްޗަށް އަރާފައިވާ އިރު ދެ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.