ރާއްޖޭގެ ތަރީހުގައި ވެސް އެންމެ ގިނައިން ބިލްތައް ފާސްކުރީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށް ބަންޑާރަނައިބް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ ދުނިޔޭގެ އެހެނިހެން ގައުމުތަކަށް ބަލާލާ އިރު ބިލްތަކަކީ މަޖިލިސް ތެރެއިން އުފެދިގެން އަންނަ ބިލްތަކެއް ކަމަށެވެ.

"އެެހެންނަމަވެސް އަޅުގަނޑުމެންގެ ސަގާފަތަށް ވެފައި މިހުރީ ކުރިން ވެސް އަމަލުކުރަމުން ދިޔަގޮތަށް ގިނަ އަދަދެއްގެ ބިލްތަކަކީ ސަރުކާރުން ހުށަހަޅާ ބިލްތަކަކަށް ވެފައި އަމިއްލަ މެމްބަރުން ނޫނީ އިދިކޮޅުން ހުށަހަޅާ ބިލްތައް މިއޮންނަނީ ހަމަ ވަރަށް މަދުން. މީގެ ފަސް އަހަރުގެ ދައުރުގައި ތަންކޮޅެއް ގިނަ. އެހެން ނަމަވެސް މި ހިނގާ ފަސް އަހަރުތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެމްބަރުންނާއި އިދިކޮޅު ފަރާތްތަކުން ހުށަހެޅި ބިލްތައް ވަރަށް ވެސް މަދު." އަނިލް ވިދާޅުވި އެވެ.

އެހެންކަމުން މަޖިލީހުގެ ގިނަ ބިލްތައް ބަރޯސާވެފައި ހުރީ ސަރުކާރުގެ މައްޗަށް ކަމަށާއި އަދި އެގޮތުން އެފަދަ ބިލްތަކަކީ ސަރުކާރުގެ މުވައްސާސާތަކުން ވަރަށް ބޮޑަށް ފަންނީ ލަފާ ހޯދައި ވަރަށް ގިނަ މަރުހަލާތަކެއް ކަޑައްތުކުރުމަށް ފަހު ވަރަށް ގިނަ ދިގު ޕްރޮސެސްއެއްގެެ ތެރެއިން އެކުލަވާލެވޭ ބިލްތަކެއް ކަމަށް އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ސަރުކާރުން މި ދައުރުގައި 170 ބިލް ހުށަހެޅި ނަމަވެސް 150 ބިލް މިހާތަނަށް ނިންމާފައި ކަމަށާއި އެހެންކަމުން މި ދައުރުގެ ރައްޔިތުންގެ މަޖިލީހަކީ ވަރަށް ވެސް ގާބިލް މަޖިލީހެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ތާރީހުގައި ވެސް ނުދެކޭ މިންވަރަށް ގާނޫނުތައްް ފާސްކޮށްދެއްވާފައި އެބައޮތް. އަޅުގަނޑުމެންނަށް އިރާދަ ކުރެއްވިއްޔާ މަސައްކަތްކުރަން ކެރުނު ވަރަށް އެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ދެއްވާފައި އޮތް." އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭ އިމާރާތްކުރުމާއި ކުޑަކުދިންނާއި އަދި ޖެންޑާ އަދި ޝަރުއީ ނިޒާމްއާ ގުޅޭ ގިނަ ބިލްތަކެއް މަޖިލީހުގެ ތެރެއިން ފާސްކޮށްފައިވާ ކަމަށެވެ.