26 Aug 2018, 21:20
އަންނަ މަހު ބާއްވާ ރިިޔާސީ އިންތިހާބާ ބެހޭ މައުލޫމާތު ސަރުކާރުން ބޭރުގެ ސަފީރުންނަށް ދީފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ މިއަދު އެ މިނިސްޓްރީގައި އެކި ގައުމުތަކުގެ ސަފީރުންނާ އެކު ބޭއްވި ބައްދަލުވުމުގައި އިންތިހާބާބެހޭ މުހިންމު މައުލޫމާތުތައް ހިއްސާކުރި ކަމަށެވެ. އެގޮތުން އިންތިހާބުގެ ރަޖިސްޓްރޭޝަންއާއި އަދި ކެމްޕޭންތައް ހިނގަމުންދާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރި ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރިޔާސީ އިންތިހާބް ބާއްވާގޮތަށް އިލެކްޝަން ކޮމިޝަނުން މިހާރު ނިންމައިފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ރީރަޖިސްޓްރޭޝަނަށް ޖުމްލަ 95،739 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މީގެ ތެރެއިން 78،964 ފޯމު ރީ ރަޖިސްރީ ކޮށްފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

އިންތިހާބާ ބެހޭ މައުލޫމާތު ބޭރުގެ ސަފީރުންނަށް ދިނުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: ފޮރިން މިނިސްޓްރީ
ރީ ރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ ސައްހަނޫން ފޯމުތަކުގެ ގޮތުގައި 5626 ފޯމު ފާހަގަކުރެވިފައިވާ ކަމަށާއި އެ ފޯމުތައް ހުށަހެޅި ފަރާތްތަކަށް ރީ ރަޖިސްޓްރީ ވުމަށް މުއްދަތެއް ދީފައިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަންގެ މެންބަރު އަދި ސްޕޯކްސް ޕާސަން އަހުމަދު އަކްރަމް ވިދާޅުވީ އިންތިޚާބު މޮނީޓާ ކުރުމަށް އެދި ބޭރުގެ 35 ފަރާތަކުން އެދި ހުށަހެޅި ކަމަށެވެ. އަދި އޭގެ ތެރެއިން މައުލޫމާތު ފުރިހަމަ ނުވާ އެއް ފަރާތެއްގެ ފޯމު ބާތިލު ކުރުމަށްފަހު ބާކީ ތިބި 34 މީހުންގެ ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ބޭރުގެ މީޑިއާތަކުގެ އިތުރުން އޮބްޒާވަރުންގެ ގޮތުގއި 25 ފަރާތެއް އަދި އަމިއްލަ ގޮތުން ބޭރުގެ ފަސް ފަރާތެއް އިންތިޚާބު އޮބްޒާވު ކުރަން ހަރަކާތްތެރިވުމަށް އެދި ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މި ފަރާތްތަކުގެ މައުލޫމާތު ފޯމުތައް ޕްރޮސެސް ކުރުމަށްފަހު އާންމު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.