އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު އޮބްޒާވު ކުރުމުގެ ދައުވަތު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ދިން ކަމަށާއި ނަމަވެސް އެ ޖަމްއިއްޔާ އިން އެ ދައުވަތު ގަބޫލު ކޮށްފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބު އޮބްޒާވު ކުރުމުގެ ދައުވަތު އީޔޫ އަށް ދިން ކަމަށާއި އެ ޖަމްއިއްޔާ އިން އިންތިޚާބު އޮބްޒާވުކުރާނެ ކަމަށް ނުރަސްމީކޮށް ފުރަތަަމަ އެންގި ކަމަށެވެ.

"އެހެންނަމަވެސް މި މަހުގެ މެދެއްހައި ހިސާބުގައި އަޅުގަނޑަށް އެޑްރެސްކޮށް ފޮނުއްވާފައި އޮތް ސިޓީގައި އެބޭފުޅުން ވަނީ ރިޔާސީ އިންތިޚާބު އޮބްޒާވު ކުރުމުގެ ޝައުގުވެރިކަން ނެތްކަމަށް ވިދާޅުވެފައި،" ޝަރީފް ވިދާޅުވިއެވެ.

އީޔޫގެ އިތުރުން އިންތިޚާބު އޮބްޒާވު ކުރުމުގެ ދައުވަތު އދ. އަށްވެސް ދިން ކަމަށާއި ނަމަވެސް އދ އަކީ އިންތިޚާބުތައް އޮބްޒާވުކުރާ ބައެއް ނޫންކަމަށް އަންގާފައިވާކަމަށް އިލެކްޝަންސް އިން ބުނެއެވެ. އދ. އިން އެދުނީ އިންތިޚާބަށް ގާނޫނީ ލަފާދޭ ކޮމެޓީގައި އެ ޖަމްއިއްޔާގެ މެންބަރެއް ބޭންދުމަށް ކަމަށާއި ނަމަވެސް އެ ކޮމެޓީގައި ތިބެންޖެހޭނެކަމަށް ގަވައިދުގައި ބުނާ މީހުން ނޫން އެހެން އެއްވެސް ފަރާތެއް ކޮމެޓީގައި ބައިވެރިކުރަން ބޭނުން ނޫންކަމަށް ކޮމިޝަނުން ނިންމާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެހެންވީމާ އީޔޫ އާއި އދ. ގެ އެއްވެސް ރެޕްރެޒެންޓޭޓިވެއް މި އިންތިޚާބުގެ އޮބްޒަވޭޝަންގައި ނުހިމެނޭނެ ކަމަށް މި ލަފާކުރަނީ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ބޭރުގެ އިތުރު ޖަމްއިއްޔާ ތަކުން އިންތިޚާބު އޮބްޒާވުކުރުމުގައި ބައިވެރިވާނޭ ކަމަށެވެ.

މީގެކުރިން އިލެކްޝަންސް އިން ބުނީ އިންތިހާބު އޮބްޒާވް ކުރުމަށް ޔޫރަޕްގެ ދެ ގައުމަކާއި ސާކްގެ ދެ ގައުމެއް އަދި އޭޝިއާ ޕެސިފިކްގެ ދެ ގައުމަކަށް ދައުވަތު ދީފައިވާނެ ކަމަށެވެ. މީގެ އިތުރުން ބައެއް އަރަބި ގައުމުތަކަށާއި ބައިނަލްއަގުވާމީ ތިން ޖަމްއިއްޔާ އަކަށްވެސް އިންތިކާބު އޮބްޒާވު ކުރުމަށް ދައުވަތު ދީފައިވާނެ ކަމަށް އިލެކްޝަންސް އިން ވަނީ މީގެ ކުރިން ބުނެފައެވެ.

އޭގެ ތަފްސީލު ހާމަކުރައްވަމުން ކޮމިޝަނުގެ މެންބަރު އަދި ސްޕޯކްސް ޕާސަން އަހުމަދު އަކްރަމް ވިދާޅުވީ އިންތިޚާބު މޮނީޓާ ކުރުމަށް އެދި ބޭރުގެ 35 ފަރާތަކުން އެދި ހުށަހެޅި ކަމަށެވެ. އަދި އޭގެ ތެރެއިން މައުލޫމާތު ފުރިހަމަ ނުވާ އެއް ފަރާތެއްގެ ފޯމު ބާތިލު ކުރުމަށްފަހު ބާކީ ތިބި 34 މީހުންގެ ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ބޭރުގެ މީޑިއާތަކުގެ އިތުރުން އޮބްޒާވަރުންގެ ގޮތުގއި 25 ފަރާތެއް އަދި އަމިއްލަ ގޮތުން ބޭރުގެ ފަސް ފަރާތެއް އިންތިޚާބު އޮބްޒާވު ކުރަން ހަރަކާތްތެރިވުމަށް އެދި ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މި ފަރާތްތަކުގެ މައުލޫމާތު ފޯމުތައް ޕްރޮސެސް ކުރުމަށްފަހު އާންމު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.