ސްޕީރިއާ ކޯޓްތަކަށް ފަނޑިޔާރުން އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( އިން އަމަލު ކުރަމުންދިޔަ ގަވާއިދަކީ ގެޒެޓްކޮށްފައިވާ ގަވާއިދެއް ނޫން ކަމަށް ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ހައި ކޯޓްގައި ބުނެފި އެވެ.

ސްޕީރިއާ ކޯޓްތަކަށް ފަނޑިޔާރުން އައްޔަން ކުރުމަށް ޖޭއެސްސީން ކުރާ މަސައްކަތް ހުއްޓާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރު ހައި ކޯޓްގައި އިސްތިއުނާފު ކުރި މައްސަލާގެ ފުރަތަމަ އަޑު އެހުމުގައި ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ކޯޓްގައި ވަކާލާތު ކުރައްވާ ދެ ވަކީލުންގެ ތެރެއިން އަލީ ހުސައިން ވިދާޅުވީ ފަނޑިޔާރުން އައްޔަން ކުރުމަށް ޖޭއެސްސީން ހަދާފައިވާ ގަވާއިދަކީ ގެޒެޓްކޮށްފައިވާ ގަވާއިދަކަށް ނުވާތީ އެ ގަވާއިދަކީ ބާތިލް ގަވާއިދެއް ކަމަށެވެ. އަދި އެ ގަވާއިދު ގެޒެޓް ކުރުމުގެ ބަދަލުގައި ހަމައެކަނި ޖޭއެސްސީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ކަމަށް ސިވިލް ކޯޓްގެ ޝަރީއަތުގައި ޖޭއެސްސީން ބުނެފައިވާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

ވަކީލުންގެ ފަރާތުން ވަކާލާތު ކުރައްވާ ހުސްނު ސުއޫދު ވިދާޅުވީ ގާނޫނެއްގެ ދަށުން ގަވާއިދެއް ހަދާނަމަ، އެ ގަވާއިދެއް ގެޒެޓް ކުރަންޖެހޭނެ ކަމަށެވެ. އަދި އެއީ ގެޒެޓް ނުކުރާ އެއްޗެއްކަމުގައިވާނަމަ އެ ގަވާއިދަކީ އެއީ އުސޫލެއް ކަމަށެވެ.

ޖޭއެސްސީގެ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް )ވައްޑޭ( ވިދާޅުވީ "އުސޫލެއް ކަމުގައި ވިޔަސް އަދި އެހެން އެއްޗެއްކަމުގައިވިޔަސް" އަމަލު ކުރަމުންދާ އެއްޗެއްކަމުގައި ވަނީނަމަ އެ ވާނީ ގަވާއިދަކަށް ކަމަށެވެ. އަދި އެ ގަވާއިދަކީ ގާނޫނު އަސާސީއާއި ގާނޫނުތަކަށް އެއްގޮތަށް ހަދާފައިވާ ގަވާއިދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގައި ޖޭއެސްސީން އެދިފައި ވަނީ އެ ކޮމިޝަނުން ސްޕީރިއާ ކޯޓްތަކަށް ފަނޑިޔާރުން އައްޔަން ކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށްދެއްވުމަށެވެ. އަދި އެ ކޮމިޝަންގެ މަސައްކަތް ހުއްޓާލުމަށް ސިވިލް ކޯޓަށް ނޭނގޭނެ ކަމަށް ކަނޑައަޅައި ހުކުމްކޮށްދެއްވުމަށް އެދިފައިވެ އެވެ.

ގާނޫނީ ވަކީލުންގެ ޓީމުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ދުސްތޫރީ މައްސަލައެއް ކަމަށާއި އެ މައްސަލަ ބެލުމުގެ އިހުތިޔާރު ލިބިގެންވަނީ ސުޕްރީމް ކޯޓަށާއި ހައި ކޯޓަށް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. އަދި އެކަން ގާނޫނު އަސާސީގެ 143 މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީގެ ވަކީލު މިއަދު ވިދާޅުވި އެވެ.

ޖޭއެސްސީގެ ވާހަކަތަކަށް ރައްދުދެއްވައި ސުއޫދު ވިދާޅުވީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށާއި އެއީ ދުސްތޫރީ "އިޝޫއެއް" ކަމަށެވެ. އަދި ގާނޫނު އަސާސީގެ 143 މާއްދާގައި ބުނާ ދޫސްތޫރީ މައްސަލައެއް "އޮވެދޭނެ" ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލަ ސިވިލް ކޯޓްގައި ކުރިއަށް ދަނިކޮށް، ސްޕްރީމް ކޯޓުން އެ މައްސަލާގެ ފައިލްތައް ސްޕްރީމް ކޯޓަށް ގެންދިޔަ ގޮތަށް މި މައްސަލަ ވެސް ބަލަންޖެހޭނީ ސްޕްރީމް ކޯޓުން ކަމަށް ޖޭއެސްސީން މިއަދުގެ ޝަރީއަތުގައި ބުނެފައިވެ އެވެ. އެ ވާހަކަތަކަށް އިޝާރާތްކޮށް ސުއޫދު ވިދާޅުވީ އެ މައްސަލައިގެ ފައިލްތައް ސްޕްރީމް ކޯޓަށް ގެންދިޔައީ ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލަ ސިވިލް ކޯޓަށް ބެލުމުގެ އިހްތިޔާރު ލިބިގެންވޭތޯ ބެލުމަށް ކަމަށެވެ. އަދި ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލާގައި ފައިސަލާ ކުރަނިވި އެއްވެސް ހުކުމެއް ސްޕްރީމް ކޯޓުންކޮށްފައި ނުވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރި މައްސަލަ ސްޕްރީމް ކޯޓުން ބޭރުކޮށްލީ އެ މައްސަލާގައި ހިމެނޭ ހަސްމުން ޝަރީއަތަށް ހާޒިރު ނުވުމުންނެވެ.

މިއަދުގެ ޝަރީއަށް ނިންމާލީ ކޯޓުން އިތުރު ކަމެއް ސާފު ކުރަންޖެހިއްޖެނަމަ އައްޑުއެހުމެއް ބާއްވާނެ ކަމަށް ބުނެ އެވެ. އަދި އިތުރުކަމެއް މައްސަލާގެ ހަސްމުންގެ ފަރާތުން ސާފުކުރަން ނުޖެހޭނަމަ، މައްސަލާގެ ހުކުމް އިއްވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.