26 Aug 2018, 19:34
ޗައިނާ މޯލްޑިވިސް ފްރެންޑްޝިޕް ބްރިޖް (ސިނަމާލެ ބްރިޖް) ގައި ރެނދުލައިފައިވާ ކަމަށް ބުނެ ދައުރުވަމުންދަނީ ފޭކް ފޮޓޯއެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބްރިޖުގައި ރެނދުލައިފައިވާ ކަމަށްބުނެ ދައުރުވަމުންދާ ފޮޓޯއަކީ އަވަށްޓެރި ގައުމެއްގެ ބްރިޖުގެ ފޮޓޯއެއް ކަމަށެވެ. އަދި ވިދާޅުވީ އެފަދައިން ފޭކް ފޮޓޯތައް ދައުރުކުރަމުންދަނީ ދިވެހި ރައްޔިތުންގެ މެދުގައި ޝައްކާ ވަހުމް އުފެއްދުމަށް ކަމަށެވެ.
"ރައްޔިތުންގެ ހިތުގައި ޝައްކާ ވަހުމް އުފައްދަން ކުރާ މިކަހަލަ ކޮންމެ ކަމަކުން ރައްޔިތުންގެ އަޒުމް އިތުރަށް ވަރުގަދަވާނެ،" މުއިއްޒު ވިދާޅުވިއެވެ.
ދުއިސައްތަ މިލިއަން ޑޮލަރު ޚަރަދުކޮށްގެން އަޅާ ސިނަމާލެ ބްރިޖުގެ ސްޓްރަކްޗާގެ މަސައްކަތް މިހާރު ވަނީ ނިންމާލައިފައެވެ. މިހާރު ކުރިއަށް ދަނީ ލައިޓު ހަރުކުރުމާއި ތާރު އެޅުން ފަދަ މަސައްކަތްތަކެވެ. މި މަހުގެ ފަހުކޮޅު ބްރިޖު ހުޅުވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ބުރިޖުގެ މަސައްކަތް ނިމެން ކުޑަތަންވެފައިވާއިރު އަލަތު ކައިވެނިކުރާ ފަރާތްތަކަށް އެބުރިޖުގައި ކައިވެނިކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ.
ސިނަމާލެ ބްރިޖުމަތީ ކުރާ ކައިވެނިތައް މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
ކައިވެނީގެ ރަސްމިއްޔާތު ހަތަރު ތީމަކަށް ބާއްވައިދޭނެއެވެ. އެއީ މޯލްޑިވިއަން، ސަންސެޓް، ފްލޯރަލް އަދި ވިންޓޭޖެވެ. އަދި ކައިވެނި ހަފްލާގެ ސައިގެ ކަންތަކާއި ފޮޓޯނެގުން އަދި ޑެކަރޭޝަންގެ ހަރަދު ކުރާނީ ސަރުކާރުންނެވެ. ބްރިޖުމަތީގައި އޮންނާނީ ހަމައެކަނި ކައިވެނީގެ ރަސްމިއްޔާތެވެ.