ނުބައި ފިންގާ ޕްރިންޓް ޖަހައިގެން 1892 ރީ ރަޖިސްޓްރޭޝަން ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ރީރަޖިސްޓްރޭޝަނަށް ޖުމްލަ 95،739 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މީގެ ތެރެއިން 78،964 ފޯމު ރީ ރަޖިސްރީ ކޮށްފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ސައްހަކަން ޔަގީން ނުވާ ފިންގާ ޕްރިންޓްޖެހި ފމުތައް ހުށަހެޅި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ.

ރީ ރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ ސައްހަނޫން ފޯމުތަކުގެ ގޮތުގައި 5626 ފޯމު ފާހަގަކުރެވިފައިވާ ކަމަށާއި އެ ފޯމުތައް ހުށަހެޅި ފަރާތްތަކަށް ރީ ރަޖިސްޓްރީ ވުމަށް މުއްދަތެއް ދީފައިވާނެ ކަމަށެވެ. މި ފޯމުތަކުގެ ތެރޭގައި ފިންގާ ޕްރިންޓް ސާފުނުވާ 102 ފޯމާއި ފިންގާޕްރިންޓް ކަށަވަރު ނޫން 73 ފޯމެއް އަދި ފިންގާ ޕްރިންޓް ނުޖަހާ 17 ފޯމެއްވެސް ހިމެނޭ ކަމަށް އީސީގެ ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ރީ ރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން ސްލިޕްކޮޅު ލިބުނު މީހުންގެ ފޯމުވެސް ރީ ރަޖިސްޓްރީ ނުވެ ހުރެދާނެކަން އިލެކްޝަންސް އިން ފާހަގަކުރިއެވެ.

އިލެކްޝަންސް އިން ބުނީ ރީ ރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 70 ޕަސެންޓަށް ވުރެ ގިނަ ފޯމު ވެރިފައި ކުރުމަށް ފުލުހަށް ހުށަހަޅާފައިވާނެ ކަމަށެވެ. ރީ ރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރޭގައި ދެފަހަރަށް ހުށަހަޅާފައިވާ ފޯމުތައްވެސްް ހިމެނޭކަން އިލެކްޝަންސް އިން ފާހަގަކުރެއެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ޖުމުލަ އަދަދަކީ 2،62،135 އެވެ. އިންތިޚާބުގައި ވޯޓުލުުމަށް ޖުމަލް 472 ވޯޓުފޮށި ބަހައްޓަން ވަނީ ނިންމައިފައެވެ.

އޭގެތެރޭގައި ހިމެނެނީ

  • މާލޭގެ ރައްޔިތުން ވޯޓު ލުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 55 ފޮށި

  • މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުން ވޯޓުލުމަށް 67 ފޮށި
  • ރިސޯޓުތަކުގައި 35 ފޮށި
  • ޖަލުތަކުގައި 4 ފޮށި
  • ރާއްޖެއިން ބޭރުގައި 5 ފޮށި
  • ސިނާއީ މަސައްކަތް ކުރާ ރަށްރަށުގައި 4 ފޮށި
  • އަތޮޅުތަކާއި ސިޓީ ތަކުގައި 302 ފޮށި

އީސީގެ ރައީސް ޝަރީފް ވިދާޅުވީ ވޯޓާސް ލިސްޓު އާންމު ކުރުމަށްފަހު މާދަމާ ޝަކުވާ އަށް ހުޅުވާލާނެ ކަމަށެވެ. އަދި ވޯޓާސް ލިސްޓު ޕާޓީ ތަކަށާއި ރިޔާސީ ކެންޑިޑޭޓުންނަށް ފޮނުއްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރީ ރަޖިސްޓްރޭޝަން ޗެކުކޮށް ވޯޓުލާން ހަމަޖެހިފައިވާ ފޮށި ސާފުކުރުމަށް އިލެކްޝަންސް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް މައްސަލައެއް އުޅޭނަމަ އެ ޝަކުވާ ހުށަހެޅުމަށް އޮންނަ މުއްދަތުގައި ޝަކުވާ ހުށަހެޅުމުން އެ ޝަކުވާ ބަލާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ވޯޓާސް ލިސްޓާ ގުޅޭ މައުލޫމާތު ވެރިކަން ކުރާ ޕީޕީއެމް އަށް ދިން ކަމަށް ދެކެވޭ ވާހަކައަށް އިޝާރާތްކުރައްވާ ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ސިސްޓަމުތަކުގެ ތެރެއިން އެއްވެސް ބަޔަކަށް ވޯޓާސް ލިސްޓާ ގުޅޭ މައުލޫމާތު ލީކުވެފައި ނުވާނޭ ކަމަށެވެ.

ވޯޓާސް ލިސްޓާއި އިންތިޚާބުގައި ބަހައްޓާ ޖުމްލަ ވޯޓުފޮށީގެ އަދަދު މާދަމާ އާންމުކުރާނެ ކަމަށް އިލެކްޝަންސް އިން ބުނެއެވެ.