ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރާ އާ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ އާ ރަންވޭގައި އަޅާ ތާރުގެ ފަހު ލޭޔަރު އަޅާ ނިންމާލާފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ ރަންވޭގައި މާކު ކުރެހުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތްތަކެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އާދިލް މޫސާ މީގެ ކުރިން "ސަން" އަށް ވިދާޅުވީ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ރަންވޭގެ އަމަލީ މަސައްކަތް ނިންމައި، އަންނަ މަހުގެ ކުރީކޮޅު ޓެސްޓު ފްލައިޓު ޖެއްސުން ކަމަށެވެ.

"ރަންވޭ ބޭނުން ކުރަން ފެށުމުގެ ކުރިން އެބަޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ކުރަން. ފުރަތަމަ ކަމަކަށް އިކާއޯ ގައިޑްލައިން އާ އެއްގޮތަށް އެތަނަނަށް އަދި ފްލައިޓް ކޮލަބްރޭޝަންގެ ކަންތައް ކުރަން އެބަޖެހޭ. އެއާ ގުޅޭ ނެވިގޭޝަނަލް ޓެސްޓުތައް ކުރަން އެބަޖެހޭ. އެއާ ގުޅިގެން އެބަ އާދޭވަރަށް ގިނަ މަސައްކަތްތައް. އާންމު ގޮތެއްގައި އިންޓަނޭޝަނަލް އެއާޕޯޓެއްގައި މިވަރު ރަންވޭއެއް ނިންމާފައި ތިންމަސް ވަރު ނަގާނެ ހުރިހާޓެސްޓު ތަކާ ފްލައިޓް ކޮލަބްރޭޝަންއާ ހުރިހާ ކަމަކަށް. އެކަންތައް ނިމުމަށްފަހު ރަންވޭ ދާއިމީކޮށް ބޭނުން ކުރަން ފެށޭނީ،" އާދިލް ވިދާޅުވިއެވެ.

ރަންވޭ އާއެކު ވީއައިއޭގެ އޮޕަރޭޝަނަށް ފަސޭހަތަކެއް އަންނާނެ ކަމަށް އާދިލް ވިދާޅުވިއެވެ.

"މިހާރު މި އޮންނަނީ ސިންގަލް ރަންވޭއެއް، އޮންނަ އިރު މަތީގައި ފްލައިޓް ލޭންޑު ނުކުރެވުމާ، ގްރައުންޑުގައި އޮންނަ ފްލައިޓު ހޯލްޑު ކުރުމާ މިފަދަ އިންކޮންވީނިއަންސް ތައް އެބަ ދިމާވޭ."

އާދިލް ވިދާޅުވީ އާ ރަންވޭ ނިމުމާއެކު މިހާރު ބޭނުން ކުރާ ރަންވޭ ޓެކްސީ ވޭ އަކަށް ބަދަލުކޮށް ފްލައިޓުން ފަސިންޖަރުން ފޭބުމުގައި ދިމާވާ ލަސްތަކަށް ހައްލެއް އަންނާނެ ކަމަށެވެ.

އާ ރަންވޭއަކީ 3.4 ކިލޯ މީޓަރު ދިގު، އަދި 60 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި A380 ވައިޑް ބޮޑީ އެއާކްރާފްޓުތަކަށް އެއްވެސް ދަތިކަމެއް ނެތި ޖެއްސޭނެހެން ތަރައްގީކުރާ ރަންވޭއެކެވެ. ރަންވޭ އެޅުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) ންނެވެ.

ރަންވޭ ޕްރޮޖެކްޓަކީ 400 މިލިއަން ޑޮލަރު ހަރަދުވާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން ރަންވޭގެ މަސައްކަތާއި ފިއުލް ފާމްގެ އިތުރުން ކާގޯ ކޮމްޕްލެކްސްއާއި އޭޕްރަން އަދި ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.