ތެހެރާން (އޮގަސްޓު 26): އީރާނުގެ ގާނޫނު ހަދާ މަޖިލީހުން އެގައުމުގެ ފިނޭންސް މިނިސްޓަރު މަސްއޫދު ކަރުބާސިއަން މަގާމުން ދުރުކޮށްފި އެވެ.

މިނިސްޓަރު ކަރުބާސިއަންއާ ދެކޮޅަށް މިއަދު އީރާނުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައި އޭނާގެ އިތުބާރު ނެތް ކަމަށް 137 މެމްބަރަކު ވޯޓު ދެއްވި އިރު، އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ 121 މެމްބަރުންނެވެ.

މީގެ ކުރިން، މިމަހުގެ އަށް ވަނަ ދުވަހު އެމަޖިލީހުން ވަނީ ރައީސް ހަސަން ރޫހާނީގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ލޭބާ މިނިސްޓަރު އަލީ ރަބީއާ ވެސް މަގާމުން ދުރުކޮށްފަ އެވެ.

އީރާނުގެ ގާނޫނު ހަދާ މަޖިލީހުން އެވޯޓު ނަގާފައި ވަނީ އެގައުމުގެ ފައިސާގެ އަގު ވެއްޓި، އިިގުތިސާދު ހީނަރުވަމުންދާ ދަނޑިވަޅެއްގައި އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު އީރާނުން ދުނިޔޭގެ ބާރުތަކާ އެކު ހެދި ނިއުކްލިއާ އެއްބަސްވުމުގެ ސަބަބުން އެގައުމުގައި ބޭރުގެ ފަރާތްތަކުން އިންވެސްޓުކޮށް، އިގުތިސާދަށް ކުރިއެރުން ލިބުނެވެ. ނަމަވެސް މިދިޔަ މެއި މަހު އެމެރިކާ އިން އެ އެއްބަސްވުމުން ވަކިވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ފެށުމުން އެގައުމުގެ އިގުތިސާދަށް ވަނީ އޭގެ ނޭދެވޭ އަސަރު ކުރަން ފަށައިފަ އެވެ. (އަލްޖަޒީރާ)