ދައުލަތުން ވަގަށް ނަގާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ފައިސާ ހޯދުމަށް ކުރަން ޖެހޭ ފަންނީ މަސައްކަތްތައް އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފާ ހަވާލު ކުރުމަށް ހުށަހެޅި ގަރާރެއް އެ ޕާޓީގެ ގައުމީ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ހުށަހެޅުއްވި އެ ގަރާރަށް ތާއިދު ކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ. އެ ގަރާރު ފާސް ކުރީ ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 52 މެމްބަރުންގެ އިއްތިފާގުންނެވެ.

ގެއްލުނު ކަމަށް އިދިކޮޅުން ބުނާ ފައިސާ ހޯދުމަށް ފަހު އެ ފައިސާ ރައްޔިތުންނަށް ފައިދާ ކުރަނިވި ގޮތަކަށް ބޭނުން ކުރަން ނިންމާފައިވާ ކަމަށް އެ ގަރާރުގައި ވަނީ ބުނެފަ އެވެ. އަދި އެ މަސައްކަތް ކުރުމަށް ފަންނީ ތަޖުރިބާކާރުން ހޯދައި، ވާންޖެހޭ އެންމެހާ ތައްޔާރީތައްވުމަށް ހަސަން ލަތީފާ ހަވާލު ކުރުމަށް އެ ގަރާރުގައިވެ އެވެ.

ގެއްލުނު ކަމަށް ބުނާ ފައިސާ ހޯދުމުގެ އިތުރުން ހައްޔަރުކޮށްފައިވާ ސިޔާސީ ލީޑަރުން މިނިވަން ކުރުމާއި މި ދައުރުގައި ހިނގާފައިވާ މަރުތަކުގެ ހަގީގަތް ހޯދުމަކީ އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރެއްގައި ފުރަތަމަ ދުވަހު ކުރައްވާނެ މަސައްކަތްތައް ކަމަށް މީގެ ކުރިން އޭނާ ވަނީ ވިދާޅުވެފަ އެވެ.