20 Sep 2011, 16:52
ޓްރިޕޮލީ (ސެޕްޓެމްބަރ 20) : ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ އަށް ވަފާތެރި ސިފައިންގެ ކޮންޓްރޯލްގެ ދަށުގައިވާ ލީބިޔާގެ ތިން ރަށުގެ ތެރެއިން ހުޅަނގުގެ ދެކުނުގެ ރަށެއްކަމަށްވާ ސަބްހާގެ އެއަރޕޯޓާއި، އުތުރުގެ ރަށެއްކަމަށްވާ ސިރްތުގެ ބައެއް ސަރަޙައްދުތައް އެޤައުމުގައި ވެރިކަންކުރާ އިންތިޤާލީ މަޖިލީހުގެ ހަނގުރާމަވެރިންގެ އަތްދަށަށް ހިނގައްޖެވެ.
ހަނގުރާމަވެރިންގެ ކޮމާންޑަރެއް ކަމަށްވާ އަޙްމަދުލްޢައްތާބީ ވިދާޅުވިގޮތުގައި ސަބްހާގެ އެއަރޕޯޓުގެ އިތުރުން އެރަށުގެ އެންމެ ބޮޑުމަގާއި އެންމެ ބޮޑު ޢަސްކަރީ ބޭހާއި ބައެއް މުހިއްމުތަންތަނުން މިހާރުވަނީ ގައްޒާފީއަށް ވަފާތެރި ލީބިޔާގެ ކުރީގެ ސިފައިންނާއި ބޭރުގެ ކުލީ ސިފައިން ބޭރުކޮށްލެވިފައެވެ. ލީބިޔާގައި މިހާރު ވެރިކަންކުރާ އިންތިޤާލީ މަޖިލީހުގެ ޢަސްކަރީ ތަރްޖަމާން ޖެނެރަލް އަޙްމަދުބާނީ ވިދާޅުވިގޮތުގައި ސަބްހާގެ ބޮޑުބައި މިހާރުވަނީ ހަނގުރާމަވެރިންގެ އަތްދަށުގައެވެ. ނަމަވެސް ގައްޒާފީއަށް ވަފާތެރި ސިފައިންގެ ޙަމަލާތައް އެރަށުގައި އަދިވެސް ވަރަށް ގަދަކަމަށާ އެމީހުން ބަލިކޮށްނުލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޓްރިޕޮލީގެ ދެކުނުން 700 ކިލޯމީޓަރު ދުރުގައިވާ ސަބްހާ އަކީ ލީބިޔާގައި ތިންވަނައަށް އެންމެ ބޮޑު ސިޓީއެވެ.
ގައްޒާފީގެ ނިޒާމުގައި ޖާސޫސީ އިދާރާގެ އިސްމަޤާމުތަކެއް ފުރުއްވި ބްރިގޭޑިޔަރ ބިލްޤާސިމް އަބްޢަޖު ސަބްޙާގެ ކައިރިން ހައްޔަރު ކުރެވިފައިވާ ކަމަށްވެސް ޖެނެރަލް އަޙްމަދު ބާނީ ވިދާޅުވިއެވެ. ލީބިޔާގެ ދެކުނުގައި ވިއްސިވިހާލިވެފައިވާ ގައްޒާފީގެ ބާރުތައް ކޮމާންޑް ކުރައްވަނީ ގައްޒާފީގެ ޅިޔަނެއްކަމަށްވާ ލީބިޔާގެ ޢަސްކަރީ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ޢަބްދުﷲ އައްސުނޫސީ ކަމަށްވެސް ހަނގުރާމަވެރިން ބުނެއެވެ.
ގައްޒާފީއަށް ވަފާތެރި ސިފައިންގެ ކޮންޓްރޯލްގެދަށުގައިވާ އުތުރުގެ ރަށެއް ކަމަށްވާ ސިރްތުގެ އެތެރެއަށް ހަނގުރާމަވެރިންނަށް އަދިވެސް ނުވަދެވޭ ކަމަށް ލީބިޔާގައި ޙަރަކާތްތެރިވާ ބޭރުގެ މުރާސިލުން ބުނެއެވެ. ސިރްތުގައި ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮތީ ހަމައެކަނި އެރަށަށް ވަންނަ ސަރަޙައްދުގައިވާ ޕޮކެޓްތަކެއްގައި ކަމަށްވެސް މުރާސިލުން ޚަބަރުދެއެވެ.
އަނެއްކޮޅުން ގައްޒާފީއަށް ވަފާތެރި ސިފައިން އެންމެ ބޮޑަށް ދިފާޢު ކުރަމުންގެންދާ ރަށް ކަމަށްވާ ބަނީވަލީދު ގައި ގައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމް އުޅުއްވަނިކޮށް އެރަށުގެ އާންމުންގެ ބަޔަކަށް އިއްޔެ ފެނިފައިވާކަމަށް ހަނގުރާމަވެރިންގެ ކޮމާންޑަރެއް ކަމަށްވާ ޢަބްދުﷲ ކުންޝިލް، އޭ.އެފް.ޕީ. އަށް ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ. ސައިފުލްއިސްލާމްއާއެކު އޭނާގެބައްޕަ ކާރނަލް މުޢައްމަރުލްޤައްޒާފީވެސް އެރަށުގައި އުޅުއްވާނެ ކަމަށް ކުންޝިލް ލަފާކުރައްވައެވެ.
ބިންވަލީދު ދިފާޢު ކުރުމަށް ގައްޒާފީއަށް ވަފާތެރި ސިފައިން ކުރަމުންގެންދާ މަސައްކަތްތަކުގެ ސަބަބުން، އިންތިޤާލީ މަޖިލީހުގެ ހަނގުރާމަވެރިން ދެވަނަ ފަހަރަށްވެސްވަނީ އެމީހުން ކުރިން ހިފިތަންތަން ދޫކުރުމަށްފަހު ފަހަތަށް ޖެހެން މަޖްބޫރުވެފައެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)