19:00


އީރާނުގައި ހުރި 1.2 ޓަނުގެ ޔުރޭނިއަމް ތުރުކީއަށް ބޭރުކުރުމަށް އެއްބަސްވީ ނަމަވެސް އެގައުމުގައި އަދިވެސް ޔުރޭނިއަމް ތަރައްގީކުރަމުންދާ ކަމަށާއި އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ މެދު އަދިވެސް ސުވާލު އުފެދޭ ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާރޖީ އޭޖެންސީ (އައިއޭއީއޭ) އިން ބުނެފި އެވެ.


އައިއޭއީއޭ އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އީރާނުން ސިއްރިއްޔާތުގައި ހިންގަމުންދާ ނިއުކްލިއާ ހަރަކާތްތަކާ ބެހޭ މައުލޫމާތު ދިނުމަށް އެގައުމުން ދެކޮޅު ހަދަމުންދާ ކަމަށާއި މިކަމުގައި އައިއޭއީއޭ އަށް އެކަށީގެންވާ އެއްބާރުލުމެއް އީރާނުން ދެމުން ނުދާ ކަމަށެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ނޫންކަން އީރާނަށް ސާބިތުކޮށްދެވިފައިނުވާ ކަމަށާއި އެޕްރޮގްރާމާ މެދު އުފެދިފައިވާ ޝައްކުތައް އަދިވެސް ފިލައިގެން ނުދާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.


އައިއޭއީއޭ އިން އިތުރަށް ބުނެފައިވަނީ އީރާނުން ތުރުކީ އާއެކު ވެފައިވާ ނިއުކްލިއާ އެއްބަސްވުމަށް ފަހު ވެސް އީރާނުގައި ޔުރޭނިއަމް ފައްކާކުރުމަށް ޓަކައި 164 ނިއުކްލިއާ އެންރިޗްމެންޓް މެޝިން ގާއިމުކޮށްފައިވާ ކަމަށެވެ. ނަމަވެސް އީރާނުން ބުނެފައިވަނީ މިއީ ހަމައެކަނި ނިއުކްލިއާ ހަކަތަ އުފެއްދުމުގެ މަގްސަދުގައި ގާއިމްކޮށްފައިވާ މެޝިންތަކެއް ކަމަށެވެ.


އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ހުޅަނގުން ތަކުރާރުކޮށް ތުހުމަތުކުރަމުން ދިޔަ ނަމަވެސް އީރާނުން ބުނެފައިވަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމުގެ ފަހަތުގައި އެއްވެސް ނުބައި ނިޔަތެއް ނުވާ ކަމަށާއި ބްރެޒިލް މެދުވެރިވެގެން ތުރުކީ އާއެކު ވެފައިވާ ނިއުކްލިއާ އެއްބަސްވުމަކީ އޭގެ ހެއްކެއް ކަމަށެވެ. ނަމަވެސް މިއެއްބަސްވުން ބަލައިގަތުމަށް ހުޅަނގުގެ ގިނަ ގައުމުތަކުން ދަނީ ދެކޮޅު ހަދަމުންނެވެ.