26 Aug 2018, 12:08
އިންތިހާބު އޮޅުވާލައިފި ނަމަ އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް އެ ގައުމުގެ ރާޖަ ސަބާގެ މެމްބަރު ސުބްރަމާނިއަން ސުވާމީ ވިދާޅުވި ވިދާޅުވުމަކީ އޭނާގެ އަމިއްލަ ވިސްނުން ކަމަށާއި އެއީ އިންޑިއާގެ ވިސްނުން ނޫން ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ ސުބްރަމާނިޔަމް ކުރެއްވި ޓްވީޓަކީ އިންޑިއާ ސަރުކާރުގެ ހިޔާލު ނޫން ކަމަށެވެ.
ސުބްރަމާނިއަން އަކީ ވެރިކަންކުރާ ޕީޖޭޕީގެ މެންބަރެކެވެ.
މިދިޔަ ހަފްތާގައި ސްރީ ލަންކާއަށް ކުރެއްވި ދަތުރުފުޅެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ބައްދަލުކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ސުބްރަމާނިއަން ވިދާޅުވީ، ރާއްޖެ އިން އިންޑިއާ ލަދުގަންނަވާލާފައި ވާތިއްޔާއި އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް އިންޑިއާ އިން ފުރުސަތު ނުދޭނެ ކަމަށެވެ.
އޭނާ މިހެން ވިދާޅުވެފައިވާ އިރު ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ނެރުނު އަމުރު ބާތިލުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މީގެ ކުރިން ވަނީ އިންޑިއާ ސިފައިން ރާއްޖެއަށް އެރުމަށް ގޮވާލައްވައިފަ އެވެ. އެކަމާ ގުޅިގެން އޭރު ނަޝީދަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.