ކައިވެނި ހަފްލާތަކުގެ މަސައްކަތްތައް ދައްކާލުމަށް އެސްޓީއޯ އާ ގުޅިގެން ބާއްވާ ފިލިޕްސް ބްރައިޑް ފެއާ 2011ގެ އެމްއޯޔޫގައި މިއަދު ސޮއިކޮށްފި އެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ބްރައިޑް މޯލްޑިވްސްގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރެއްވީ ބްރައިޑް މޯލްޑިވްސްގެ މެނޭޖަރު އަދި ބްރައިޑް މަޖައްލާގެ އެޑިޓަރު މުހައްމަދު ޝާފީ އެވެ. އެސްޓީއޯގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ އެވެ.

މި މަހު 28 އިން 29 އަށް ދަރުބާރުގޭގައި ބާއްވާ ފެއާ އާ ބެހޭ ގޮތުން ޝާފީ ވިދާޅުވީ މިފަދަ ފެއާއެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގެ ތިބި ހުނަރުވެރިން އެއްފުރާޅެއްގެ ދަށަށް ގެނެސް އެ ހުނަރުތައް ދައްކާލުން ކަމަށެވެ. އަދި ފިލްޕްސް ބްރޭންޑަކީ މިކަމަށް އެންމެ އެކަށީގެންވާ އެއް ބްރޭންޑް ކަމަށް ވެސް ޝާފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީ އަހަރެކޭ އެއްގޮތަށް މިފަހަރުގެ ފެއާގައި ވެސް ފިލިޕްސް ބްރޭންޑްތަކުގެ އެއްޗެހި ބޭނުންކުރާނެ ގޮތުގެ މައުލުމާތު ޓޯކް ޝޯތައް އޮންނާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ބްރައިޑް ފެއާގެ ކާމިޔާބަށް ބަލައި ރާއްޖޭގައި ތިބި ހުނަރުވެރިންތަކެއްގެ ހުނަރުތަކެއް ދައްކާލުމަށް މިފަދަ ކަމެއްގައި ބައިވެރިވުމަކީ އެސްޓީއޯ އިން އިޖްތިމާއީ ކަންކަމުގައި ބައިވެރިވުމުގެ ޕްރޮގްރާމްތަކުގެ ތެރޭ ހިމެނޭ ކަމެއް ކަމަށެވެ.

އަދި ބޮޑަށް ބަލަނީ ކުންފުނިން ޚަރަދު ކުރުމަށް ވުރެ ބޮޑަށް މިފަދަ ފެއާއެއްގައި އެސްޓީއޯގެ ވަކި ޕްރޮޑެކްޓެއްގެ ސްޕޮންސާޝިޕް ދިނުމަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި އެޕްރޮޑަކްޓަކަށް މީހުންގެ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"މީގައި އަޅުގަނޑުމެން ބޮޑަށް ބަލަނީ ކުންފުނިން ޚަރަދު ކުރުމަށް ވުރެ ބޮޑަށް ވަކި ޕްރޮޑަކްޓެއްގެ ސްޕޮންސާޝިޕް ދިނުމަށް." ޝަހިދު ވިދާޅުވި އެވެ.

ފެއާ އޮންނަނީ އެ ދެ ދުވަހު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކަމަށް ބަރައިޑް މޯލްޑިވްސް އިން ބުންޏެވެ. އަދި ފެއާ އަށް ވަނުން އޮންނާނީ ހިލޭ ކަމަށް ވެސް އެ ތަނުން ބުންޏެވެ.
މިފަހަރުގެ ފެއާ އިން ވެސް އާ މޫނުތަކެއް ފެނިގެންދާއިރު ފެއާގައި ލަންކާގެ ޖުވެލަރީ ހަދާ މީހެއްގެ އުފެއްދުންތައް ފެނިގެންދާނެ ކަމަށް ޝާފީ ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ފެންވަރަށް ފުޅާވެފައިވާ ބްރައިޑް ފެއާގައި 30 ފަރާތަކަށް ހުއްދަ ދީފައިވާއިރު ކޮންމެ ސްޓޯލެއް ވިއްކާފައި ވަނީ ދުވާލަކަށް 3،000ރ. އަށެވެ. އަދި ބައިވެރިވާ ކޮންމެ ފަރާތަކަށް ވެސް ބްރައިޑް މެގެޒިންގެ ސޮފްހާއެއް ހިލޭ ލިބޭނެ އެވެ.


އަދި ބްރައިޑް މެގަޒިން ގަންނަ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ހިލޭ އައިޕެޑެއް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ފަހަރުގެ ފެއާގައި ވެސް ކޭޓަރިން އާއި، ޑިޒައިނަރުންނާއި މޭކަޕްކޮށްދޭ ފަރާތްތަކާއި ފޮޓޯ ނަގައިދޭ ސްޓޫޑިއޯތަކާއި އަދި ވެޑިން ހަފްލާތައް ޖަރީކުރުމަށް ބޭނުންވާ ޑެކޮރޭޓިވްސް އާއި މާމެލާމެލީގެ ތަފާތު ވިޔަފާރިކުރާ ތަންތަނުގެ ސްޓޯލްތަކުގެ އިތުރުން ކޮޓަރި ތެރެ ޒީނަތްތެރި ކޮށްދޭ ފަރާތްތަކުން ބައިވެރިވާނެ އެވެ.

ބްރައިޑް މޯލްޑިވްސް އިން ވަނީ ޖުލައި މަހު ތެރޭ މޯލްޑިވިއަން ފެޝަންވީކްގެ ނަމުގައި ދިވެހި ޑިޒައިނަރެއްގެ ހެދުންތައް ދައްކާލާފަ އެވެ. އަދި އައްޑޫގައި ވެސް ވަނީ ފެޝަންވީކް ބާއްވާފަ އެވެ.