އެމެރިކާގެ ރިޔާސީ އިންތިހާބުގައި 2008 ވަނަ އަހަރު، ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް، ސެނެޓާ ޖޯން މެކޭން، 81 އަވަހާރަވެއްޖެ އެވެ.

މެކޭންގެ އޮފީހުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، އޭނާ އަވަހާރަވީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އަދި އަވަހާރަވީ، އާއިލާގެ މެމްބަރުން ކައިރީގައި ތިއްބަވަނިކޮށް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ސެނެޓަރެއްގެ ގޮތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެކޭން އަވަހާރަވީ ސިކުޑީގައި ޓިއުމަރެއް އުފެދިގެން ފަރުވާ ހޯއްދަވަމުން ގެންދެވުމަށް ފަހު، އޭނާގެ އެދުމުގެ މަތިން ފަރުވާ ހުއްޓާލިތާ އެއް ދުވަސް ފަހުންނެވެ.

އެތައް ބައެއްގެ އިހުތިރާމް ހޯދާފައިވާ މެކޭން، ސިކުޑީގައި ޓިއުމަރެއް އުފެދިގެން ފަރުވާ ކުރަން ފެއްޓެވިކަން އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

ސިޔާސީ ދާއިރާ އަށް ވެންނެވުމުގެ ކުރިން މެކޭން އަކީ، ވިއެޓްނާމް ހަނގުރާމާގައި، އެމެރިކާ އަސްކަރިއްޔާގައި ފައިޓާ ޖެޓް ދުއްވެވި ޕައިލެޓެކެވެ. އަދި އޭނާ ޕައިލެޓަކަށް އިންނެވި ޖެޓަށް ހަމަލާދީ ވައްޓާލި އެވެ. އެ ހަމަލާއިން ސަލާމަތްވެ، ހަނގުރާމައިގެ އަސީރެއްގެ ގޮތުގައި ފަސް އަހަރު މެކޭން ވިއެޓްނާމްގައި ހޭދަކުރެއްވި އެވެ.

ރިޕަބްލިކަން ޕާޓީގެ ފަރާތުން، އެމެރިކާގެ ރިޔާސީ އިންތިހާބުގައި މެކޭން ވާދަ ކުރެއްވީ ކަޅުނަސްލުގެ އެމެރިކާގެ ފުރަތަމަ ރައީސް ބަރަކް އޮބާމާއާ އެވެ.

އެ އިންތިހާބުގައި މެކޭނަށް 59.9 މިލިޔަން ވޯޓް ލިބިލެއްވި އެވެ. އަދި 173 އިލެކްޓޯރަލް ވޯޓާއި އެކު، އިންތިހާބުގެ 45.7 ޕަސެންޓް ހޯއްދެވި އެވެ. އޮބާމާ އިންތިހާބު ކާމިޔާބު ކުރެއްވީ 365 އިލެކްޓޯރަލް ވޯޓާއި އެކު، 52.9 ޕަސެންޓް ހޯއްދަވައިގެންނެވެ.