މާލޭގައި މިރޭ ހިންގި މާރާމާރީއެއްގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.

މި ހާދިސާ ހިނގާފައި ވަނީ އިސްކަންދަރު ސްކޫލް ކުރިމަތީގައި ހުންނަ ދީދި ގޯޅި ތެރޭގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހަމަލާގައި ޒަހަމްވި މީހާ ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެފަދަ ހާދިސާއެއް މިރޭ ހިނގިކަން "ސަން" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 21:25 ގައި ކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "ސަން" އަށް ވިދާޅުވީ، ބޮލަށް އަނިޔާ ވެގެން އިމަޖެންސީގައި އެ ހޮސްޕިޓަލަށް މީހަކު ގެނައި ކަމަށެވެ. އަދި އޭނާއަށް އީއާރުގައި ފަރުވާ ދެމުންދާއިރު އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ދީދި ގޯޅީގައި މީގެ ކުރިންވެސް މާރާމާރީތަކެއް ހިނގައި ވަޅިން ހަމަލާ ދީފައިވެ އެވެ. އަދި އެ ސަރަހައްދުގައި ދިން ހަމަލާތަކުގައި މީގެ ކުރިން އެކަކު މަރުވެސް ވެފައިވެ އެވެ.