20 Sep 2011, 16:38
މަޝްހޫރު ލިޔުންތެރިޔާ ބާޣުބަހާރު، ޝަމީމާ ޔަހުޔާ އާއި ދަރުމަ މަޖައްލާގެ ބާނީ ހ. ކީރަންމާގޭ އަލީ އާދަމް މަނިކު 63، (ސްމާޓް އަލިބެ) އަވަހާރަވެއްޖެ އެވެ. ޝަމީމާ ޔަހުޔާ އަވަހާރަވީ މިމަހުގެ 16 ވަނަ ދުވަހު އިންޑިޔާގަ އެވެ. އަލިބެ އަވަހާރަވީ ރޭ އިރާކޮޅު ސްރީލަންކާގަ އެވެ. ސަތޭކައަށް ވުރެ ގިނަ ލޯބީގެ ވާހަކަ ދިވެހި ބަހަށް ތަރުޖަމާ ކުުރައްވައި އަމިއްލަފުޅަށް ވެސް ވާހަކަތައް ލިޔުއްވާފައިވާ ޝަމީމާ އަވަހާރަވީ އުމުރުފުޅުން 62 އަހަރުގަ އެވެ. އަވަހާރަވީ ހިތުގެ ބައިޕާސް އޮޕަރޭޝަނެއް ކުރެއްވުމަށް ފަހު، ފަހު ވަރަށް ބޮޑަށް އާލާސްކާންފުޅާ އުޅުއްވަނިކޮށެވެ. ވާހަކަ ތަރުޖަމާ ކުރެއްވުމާއި ފިލްމު ރިވިއު ލިޔުއްވުމުގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯއްދެވި ޝަމީމާއަކީ ތަރުޖަމާ ކުރެއްވުމުގެ ރޮނގުން އާންމު ހިދުމަތުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ އަދި ގިނަ ދުވަސްތަކެއް ވަންދެން ބަންޑާރަ ނައިބުގެ އޮފީހުގަ އާއި ދިވެހި ބަހާ ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުގައި ސަރުކާރަށް ހިދުމަތް ކުރެއްވެވި ބޭފުޅެކެވެ. މީގެ ދޮޅުއަހަރެއްހާ ދުވަސް ކުރިން ޝަމީމާ ސަރުކާރުން ވަކިވެވަޑައިގެންނެވި އިރު ވަޒީފާ އަދާ ކުރެއްވެވީ ސެންސަރު ބޯޑުގަ އެވެ. "ގުރުބާނީ" އާއި "ޒަހަމް" އަދި "ފަހަރި" ފަދަ ރާއްޖެއަށް މަޝަހޫރުވި ވާހަކަތައް ތަރުޖަމާ ކުރެއްވެވި ޝަމީމާއަކީ ހަޔާތުގެ ބޮޑުބައި ބަގީޗާ ހެއްދެވުމުގައި ހޭދަ ކުރެއްވެވި ބޭފުޅެކެވެ. ޝަމީމާ އަވަރާވިއިރު ދެ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅަކާއި ފިރިކަލު ދުނިޔޭގައި އެބަތިއްބެވި އެވެ. ސްރީލަންކާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ އަަވަހާރަވި އަލިބެއަކީ ސިޔާސީ ޕާޓީ، ޢަދާލަތުގެ މަޝްވަރާ މަޖިލީހުގެ މެންބަރު އަދި މާލޭ ޒޯނުގެ އިސް މަސްއޫލުވެރިޔާ އެވެ. ރާއްޖޭގެ އެންމެ ދުވަސްވީ ދީނީ ޖަމިއްޔާ އަދި "ދަރުމަ" މަޖައްލާ އާއި އަދާލަތުގެ ޕާޓީގެ އެއް ބާނީ އެވެ. "މުސްލިމުންގެ ގުޅުން" ނަމުގައި ޖަމިއްޔާއެއް އުފައްދަވައިގެން އިސްލާމްދީނަށް އަލިބެ ޚިދުމަތް ކުރައްވާތާ 30 އަހަރު ވެއްޖެ އެވެ. އެންމެ ބޮޑު މަސައްކަތެއް އަލިބެ ކުރައްވާފައި ވަނީ އިސްމާދީން ރާއްޖޭގައި ކުރިއެރުވުމަށާއި ދިވެހިން އިޖުތިމާއީ ވެއްޓާއި ފޭރާން ރީތިކޮށް ދިނުމަށެވެ.