އިދިކޮޅު ކޯލިޝަނުގެ ސަރުކާރެއްގައި އިސްލާމް ދީނައި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ އެއްވެސް ކަމަކަށް ޖާގައެއް ނުދޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ އެހެން ވިދާޅުވެފައި ވަނީ އަންނަ މަހު 23ގައި ބާއްވާ ރިޔާސީ އިންތިހާބު އޮޅުވާލައިފި ނަމަ ރާއްޖެ ހިފަން ޖެހޭނެ ކަމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ސުބްރަމާނިއަން ސުވާމީ ވިދާޅުވެފައި ވަނިކޮށެވެ.

ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި އެ އަތޮޅު އިންނަމާދޫ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކެއްގެ ވެރިކަމެއްގައި ދޫ ނުކޮށްލާނެ ދެ ކަމެއް އެބައޮތް ކަމަށާއި އެއީ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަން ކަމަށެވެ.

"މިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ އެއްވެސް ކަމެއް އަޅުގަނޑުމެންގެ ވެރިކަމެއްގައި ނުކުރާނެ. އެއަކަށް ޖާގައެއް ވެސް ނުދޭނެ. އަޅުގަނޑުމެންގެ ދީނާއި މިނިވަން ކަމަށް ހުރި ގޮންޖެހުމާއި އެންމެ ފުރަތަމަ ކެރިގެން ކުރިމަތިލާނީ އަޅުގަނޑުމެން،" އިބޫ ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބް މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ބޭރުގެ އެހީތެރިކަން ބޭނުންވާނެ ކަން އިބޫ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެމަގަށް މަސައްކަތް ކުރި ނަމަވެސް ބޭރުގެ ފަރާތްތަކުން ތިއްބަވަން ޖެހޭނީ ބައިނަލްގްވާމީ ހަމަތަކާއި މިންގަނޑުގެ ތެރެއިން ރާއްޖެ ބައިވެރިވެފައިވާ ޖަމިއްޔާތަކާ އެކު ވެފައިވާ އެއްބަސްވުމުގެ ތެރޭގައި ކަމަށެވެ.

"އެ ނޫން ގޮތަކަށް ރާއްޖޭގެ މިނިވަނަކްމަށް ބުރޫ އަރާފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ވާހަކަ މި ފުރުސަތުގައި ދަންނަވާލަން،" އިބޫ ވިދާޅުވި އެވެ.

ރާއްޖޭގެ ހާރިޖީ އަދި ދާހިލީ މިނިވަންކަން ގެއްލޭ އެއްވެސް ކަމަކަށް ކުޑަވެސް ފުރުސަތެއް ނުދެއްވާނެ ކަން އިބޫ ފާހަގަކުރެއްވި އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުގެ ވާހަކަފުޅާއި ގުޅިގެން ރާއްޖޭގެ އިދިކޮޅު ފަރާތްތަކާއި ސަރުކާރުގެ ހިންގާ ޕީޕީއެމްގެ އިސް ފަރާތްތަކުން ވެސް އަންނަނީ އެ ވާހަކަތައް ކުށްވެރިކުރުމުންނެވެ.