26 Aug 2018, 08:37
ދިވެހިން ޓީވީ ދޮށުގައި މަޑުކުރަން މަޖުބޫރު ކުރުވި އެކްތާ ކަޕޫރުގެ ކާމިޔާބު ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގެ ދެވަނަ ސީޒަނަކަށް އެކްތާ ކަޕޫރު މިވަނީ ތައްޔާރުވެފަ އެވެ. ދެވަނަ ސީޒަންގައި ފެނިގެންދާނީ މުޅިން އާ ކާސްޓެއްކަން އެކްތާ ޔަގީންކޮށް ދިން ނަމަވެސް، ޑްރާމާގެ ފުރިހަމަ ކާސްޓު އަދިވެސް އޮތީ އޮޅުމެއްގެ ތެރޭގަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޑްރާމާގެ މެއިން އެއް ކެރެކްޓާ ކަމަށްވާ "ކޮމަލިކާ"ގެ ރޯލުން ފެނިގެން ދާނީ މަގުބޫލު ޑްރާމާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"ގެ ލީޑު ރޯލުން ފެނިގެން ދިޔަ ބަތަލާ ހީނާ ޚާން އެވެ. "ކަސޯޓީ 2" ވެގެންދާނީ ހީނާ "ކުޑަ ސްކްރީނަށް" އެނބުރި އަންނަ ޑްރާމާ ކަމަށް ގިނަ ތިޕޯޓުތައް އަންނަނީ ބުނަމުންނެވެ.
ކޮމަލިކާގެ ރޯލުން ހީނާ ފެނިގެންދާނެ ކަމަށް ޔަގީނާ ގާތަށް ކަށަވަރު ވާއިރު، ޑްރާމާގެ ކޮންމެ އެޕިސޯޑަކަށް ހީނާ ކިޔައިފައިވާ އަގު ވެސް މިވަނީ މިހާރު ހާމަވެފަ އެވެ. ޚަބަރުތައް ބުނާގޮތުން ހީނާ އަކީ މުޅި ޑްރާމާގެ ކާސްޓުގައި ވެސް ހިމެނޭ އެންމެ އަގުބޮޑު އެކްޓަރެވެ.
ޑްރާމާގެ ކޮންމެ އެޕިސޯޑަކަށް ހީނާ ވަނީ 225،000 ރުޕީސް (50،000 ދިވެހި ރުފިޔާ)ގެ ބޮޑު އަގެއް ކިޔައިފަ އެވެ. އެއީ ޓީވީ އެކްޓަރުންނާ ބަލާއިރު ވަރަށް ބޮޑު އަގެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"ގެ ކާމިޔާބަށް ފަހު، ހީނާ ވަނީ "ބިގް ބޮސް 11" އިން ވެސް ފެނިގެން ގޮސްފަ އެވެ. އެހެންކަމުން، ޝޯ އުފައްދާ ފަރާތުން ވަނީ ހީނާ ބުނި އަގަށް އެއްބަސްވެފަ އެވެ. އަދި ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކޮށް، ކޮލްކަތާގައި ކުރިއަށްދާ ޝޫޓިންގައި ހީނާ ބައިވެރިވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ކަސޯޓީގެ ފުރަތަމަ ސީޒަނުގައި ކޮމަލިކާގެ ރޯލުން ފެނިގެން ދިޔައީ އުރްވަޝީ ޑޯލަކިއާ އެވެ. އެ ރޯލު، އުރްވަޝީ ގެނެސްދިން ގޮތް ފުރިހަމަ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފަ އެވެ.
ކުރިން "ކަސޯޓީ 2" ދައްކަން ފަށާގޮތަށް ހަމަޖައްސާފައި އޮތީ އަންނަ މަހުގެ 10ގަ އެވެ. ނަމަވެސް، ފަހުން އަންނަ މަހުގެ 25 ވަނަ ދުވަހަށް ޑިލޭވީ އެވެ.
"ކަސޯޓީ 2" ގައި ފުރަތަމަ ތިން އެޕިސޯޑު ބޮލީވުޑްގެ މަޝްހޫރު ބަތަލު ޝާހްރުކް ހާން ނެރޭޓްކޮށްދޭން ހަަމަޖެހިފައިވާއިރު ގިނަ ބަޔަކު ދަނީ ޑްރާމާ ބަލާލަން އިންތިޒާރު ކުރަމުންނެވެ.