26 Aug 2018, 08:26
އަންނަ މަހުގެ ހަތް ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މަޝްހޫރު ބަތަލާ ކާޖޮލް ފެނިގެންދާ ފިލްމު "ހެލިކޮޕްޓާ އީލާ" އަންނަ އޮކްޓޫބަރު މަހު ދައްކާގޮތަށް ލަސްކޮށްފި އެވެ.
ފިލްމަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން ދަނިކޮށް، މިހާރު އެ ފިލްމު އަޅުވަން ހަމަޖެހިފައިވަނީ، އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ.
"ހެލިކޮޕްޓާ އީލާ" އޮކްޓޫބަރު މަހަށް ލަސްކުރަން ޖެހުނީ ޑައިރެކްޓަރު ޕްރަދީޕް ސަރްކާރަށް ޑެންގޫ ހުން ޖެހި ފިލްމުގެ އެކި އެކި ޕްރޮމޯޝަންތަކުގައި ބައިވެރި ނުވެވުމުގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އޭގެ އިތުރުން ޕްރަދީޕް ނުލައި ފިލްމުގެ ޕްރޮމޯޝަންތައް ޖައްސަން ބޭނުން ނުވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އަޖޭ ދޭވްގަން ވަނީ ބުނެފައެވެ.

"ހެލިކޮޕްޓާ އީލާ" ގެ ޕޯސްޓަރެއް...
އެ ފިލްމުން ކާޖޮލް އާއެކު ހާއްސަ ފެނިލުމަކުން އަމީތާބު ބައްޗަން ފެނިގެންދާނެ އެވެ. އޭގެ އިތުރުން ޓޯޓާ ރޯއި ޗައުދަރީ އާއި ނޭހާ ދުފިއާ ވެސް ފެންނާނެ ކަމަށް ބެލެވެ އެވެ.
"ހެލިކޮޕްޓާ އީލާ" ގައި ކާޖޮލް ކުޅެފައިވަނީ އެކަނިވެރި މަންމަ އެއްގެ ރޯލެވެ. އޭނާގެ ދަރިފުޅަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި އޭނާ ދެކެމުން ދިޔަ ހުރިހާ ހުވަފެންތަކެއް ގުރުބާންކޮށްގެން އުޅެމުންދާ މަންޒަރު ޓްރެއިލާ އިން ފެނިގެންދެ އެވެ. އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރުމަށް އޭނާއަށް ހިތްވަރުދެނީ ދަރިފުޅެވެ.