20 Sep 2011, 16:33
ދައުލަތުގެ ބަޖެޓްގެ ހަރަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ފައްޓާފައިވާ ޕްރޮގްރާމްގެ ދަށުން ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް އިތުރު އެއްވެސް މަގާމެއް ނުއުފެއްދުމަށާއި ހުސް ވަޒީފާތަކަށް މީހުން ނުނެގުމަށް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒު ސޮއިކުރައްވައި ބުރާސްފަތި ދުވަހު ނެރެއްވާފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ދައުލަތުން މުވައްޒަފުންނަށް ހިންގާ ހަރަދަކީ ދައުލަތުގެ ޖުމްލަ ހަރަދުގެ އެންމެ ބޮޑު ހިއްސާ ކަމަށާއި މި އަހަރު ތެރޭގައި މަގާމްތައް އިތުރު ނުކުރުމަށާއި އަދި މަގާމެއް ހުސްވިއަސް، އެމަގާމަކަށް މުވައްޒަފުން ވެއްދުމުގެ ކުރިން ހުއްދަ އަށް އެމިނިސްޓްރީ އަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ފިނޭންސުން ބުނީ ދައުލަތަށް ލިބޭ އާމްދަނީއަށާއި މިހާތަނަށް ކުރެވިފައިވާ ހަރަދަށް ބަލައި، ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ގެންދަނީ ކުރަމުން ކަމަށެވެ. އެގޮތުން ކެޕިޓަލް ހަރަދާއި ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކާއި މަރާމާތުކޮށް ބެލެހެއްޓުމުގެ ހަރަދުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން އެހަރަދުތައް ކުރުމުގެ ކުރިން އެމިނިސްޓްރީގެ ހުއްދައަކަށް އެދި ހުށަހެޅުމަށް އަންގާފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
"މިނިސްޓްރީން ކުރިއަށް ގެންދިޔަ ސަރުކާރުގެ މަސައްކަތްތަކާއި މަސްއޫލިއްޔަތުތަކުން ވީއްލުމުގެ ޕްރޮގްރާމްގެ ދަށުން ވަޒީފާ ދޫކޮށްލި މުވައްޒަފުންގެ މަގާމްތައް ވެސް ވަނީ މިޕްރޮގްރާމްގެ ދަށުން އުވާލެވިފައި. އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން މުވައްޒަފުންނަށް ހިންގާ ހަރަދުތައް ކޮންމެވެސް ވަރަކަށް ވަނީ ކޮންޓްރޯލްކުރެވިފައި." ފިނޭންސުން ބުންޏެވެ.
އިންޓަނޭޝަނަލް މަނިޓްރީ ފަންޑާ އެކު ސަރުކާރުން ވެފައިވައިވާ ސްޓާފް ލެވެލް އެއްބަސްވުމުގައި އަންނަ އަހަރުގެ ނިޔަލަށް ނޮމިނަލް ވޭޖް އަށް އިތުރު ކުރިއެރުމެއް ނުގެންނާނެ ކަމަށް އެއްބަސްވެފައި ވާތީ އަންނަ އަހަރުގެ ނިޔަލަށް މިހާރު ދެވޭ މުސާރަތަކަށް އިތުރު ކުރިއެރުމެއް ނުގެނެވޭނެ ކަމަށް ފިނޭންސުން ވަނީ އެ ސާކިއުލާގައި ބުނެފައި އެވެ.
ފިނޭންސް މިނިސްޓްރީން ދައުލަތުގެ ބަޖެޓްގެ ހަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުނާ އިރު ސަރުކާރުން ގެންދަނީ އެކިއެކި އިދާރާތަކާއި ސިޔާސީ މަގާމްތައް އުފައްދަމުންނެވެ.