ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރު މިހާރު ޝޫޓިން ފަށަން ތައްޔާރުވެފައިވާ ފިލްމު "ޒޯޔާ ފެކްޓާ" ގައި އޭނާގެ ބޮޑުބޭބެ ސަންޖޭ ކަޕޫރު ފެންނާނެ ކަމަށް އެ ފިލްމުގެ ތައްޔާރުކުރާ ޓީމުން އިއުލާންކޮށްފި އެވެ.

އެ ފިލްމުގައި ސަންޖޭ ފެނިގެންދާނީ ސޯނަމްގެ ބައްޕަގެ ރޯލުންނެވެ. ސަންޖޭ އަކީ ސޯނަމްގެ ބައްޕަ އަނިލް ކަޕޫރުގެ ކޮއްކޮ އެވެ. ސަންޖޭ މިވަނީ "ޒޯޔާ ފެކްޓާ" ކުޅެން ސޮއި ވެސް ކޮށްފަ އެވެ.

"ޒޯޔާ ފެކްޓާ"ގެ ޑައިރެކްޓަރަކީ އަބީޝެކް ޝަރްމާ އެވެ. ސަންޖޭ އެ ފިލްމަށް ސޮއިކުރިކަން ޔަގީންކޮށްދެމުން މީޑިއާ ތަކަށް ބުނީ، އެ ފިލްމު ކުޅެން ލިބުނީ ރަނގަޅު ރޯލެއް ކުޅެން ލިބޭނެ އިރެއްގެ އިންތިޒާރުގައި ހުއްޓާ ކަމަށެވެ. އަދި އަބީޝެކް ގުޅާފައި އެ ފިލްމުގައި ސަންޖޭ ކުޅެންޖެހޭ ރޯލު ކިޔައިދިނުމުން ވަރަށް ހިތް ހަމަޖެހުނުު ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އުމުރުން 52 އަހަރުގެ ސަންޖޭ ބުނެފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި "މުބާރަކަން" ގައި އާއިލާގެ ގިނަ ބަޔަކާ އެކު މަަސައްކަތް ކުރަން ލިބުމުން، ވަރަށް ބޮޑު ހިތްހަމަޖެމުހެއް ލިބުނު ކަމަށެވެ.

އޭގެ އިތުރުން އަނެއްކާ ވެސް ކުރިޔަށް އޮތް ފިލްމުގައި އާއިލާ ކުއްޖަކާ އެކު މަސައްކަތް ކުރަން ލިބުމުން އުފާކުރާ ކަމަށް އޭނާ ބުންޏެވެ.

އަންނަ އަހަރުގެ އެޕްރީލް މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ އެ ފިލްމުގައި ސޯނަމާއި އެކު ބަތަލްގެ ރޯލުން ފެންނާނީ މަޝްހޫރު މަލަޔާޅަމް އެކްޓަރު ދަލްގޫރް ސަލްމާނެވެ.