25 Aug 2018, 14:39
އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހދ. ކުޅުދުއްފުށިން ހައްޔަރުކުރި ހަތަރު މީހަންގެ ތެރެއިން ދެ މީހުން ދޫކޮށްލައިފި އެވެ.
އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މީގެ ހަފްތާއެއް ކުރިން ކުޅުދުއްފުށިން ހައްޔަރު ކޮށްފައިވަނީ އެ ރަށު ކައުންސިލުގެ ޒިންމާދާރު ވެރިޔާ އާއި ސީނިއާ އެޑްމިން އޮފިސަރެއްގެ އިތުރުން އާންމުންގެ ދެމީހުންނެވެ.
އެ މީހުންގެ ތެރެއިން މިއަދު ދޫކޮށްލާފައިވަނީ ކައުންސިލުގެ އެސިސްޓެންޓް ޑިރެކްޓާ (ކައުންސިލްގެ ޒިންމާދާރު ވެރިޔާ) އިސްމާއިލް އިބްރާހީމާއި އާންމުންގެ ތެރެއިން ހައްޔުރިކުރި ދެ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހާއެވެ. ދެ މީހުން ވެސް ދޫކޮށްލާފައިވަނީ މުއްދަތު އިތުރުކޮށްދުނިމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން، ކޯޓުންނެވެ.
އެ ދެ މީހުން ދޫކޮށްލިކަން ކުޅުދުއްފުށީ ކައުންސިލް މެންބަރަކު 'ސަން' އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެ މީހުން ހައްޔަރު ކުރަން، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައި މައްސަލައިގެ ތަފްސީލުގެ ގޮތުގައި ބުނެފައިވަނީ، އެމީހުން ހައްޔަރު ކުރަނީ "2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހާހޫރަ ހަދައި އަދި ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ތަކެތި ގެންގުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލަ"ގައި ކަމަށެވެ.
އެ މައްސަލާގައި މިހާރު ފުލުހުންގެ ބަންދުގައި ހުރީ ކައުންސިލްގެ ސީނިއަރާ އެޑްމިން އޮފިސަރު ހުސެއިން އަލީ އާއި އެ ރަށުގެ އާންމު ރައްޔިތެކެވެ.