20 Sep 2011, 16:49
މިދިޔަ މާޗް މަހުގެ ތެރޭ ހޮންކޮންގުގައި އިނގިރޭސި އަންހެނަކު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގދ. މަޑަވެލި ފިރިހެންމީހާ އަދިވެސް ހުރީ ޖަލު ބަންދުގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
މަޑަވެލީ ފިޒާ، އަހުމަދު ފަރީދުގެ ކުރީގެ އަންހެނުން ކަމަށްވާ ޖޫލިއާ ފަރީދުގެ ބޮޑުދައިތަ، ޖެނެޓް ގިލްސަން، 64، މަރާލިކަމުގެ ތުހުމަތުގައި ހޮންގްކޮންގައި ހައްޔަރުކުރީ ފިލައިގެން އުޅެނިކޮށް މާޗު މަހުގެ 19 ވަނަ ދުވަހެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އަދިވެސް ފަރީދު،29، ހުރީ ބަންދުގަ އެވެ. އަދި ޗައިނާ އެމްބަސީ މެދުވެރިކޮށް އޭނާއަށް ސަރުކާރުން ވަކީލަކު ހަމަޖައްސައިދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އޭނަ އަދިވެސް ހުރީ ބަންދުގައި ކަމަށް ރަސްމީކޮށް އެނގިފައި އޮތީ." އޮފިޝަލް ވިދާޅުވި އެވެ.
އެންމެފަހުން ފަރީދުގެ ޝަރީއަތް ހޮންކޮންގުގައި ބާއްވާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ކަމަށްވެ އެވެ. ނަމަވެސް، އެއްވެސް މީޑިއާއަކުން އެކަން ރިޕޯޓުކޮށްފައިނުވާތީ އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް ނުލިބެ އެވެ.
މާޗު މަހުގެ ހަ ވަނަ ދުވަހު ހޮން ކޮންގަށް ދިޔަ ޖެނެޓް މަރާލާފައި އޮއްވައި ފެނިފައި ވަނީ، އޭނާ ގެއްލިގެން ހޯދަމުންދާތާ ތިން ދުވަސް ފަހުން، އޭނާ އަށް ބޮޑުދައިތަ ކިޔާ ޖޫލިއާ ފަރީދު ދިރިއުޅޭ ގެއިން ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެ އެވެ. އޭނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މާޗް 15 ވަނަ ދުވަހު އެވެ. ޖެނެޓުގެ ބޮލަށް ޒަޚަމްތަކެއް ލިބިފައިވާ ނަމަވެސް، އޭނާ މަރުވީ އެ ޒަޚަމްތަކުގެ ސަބަބުން ކަމެއް ފުލުހުން ކަށަވަރުކޮށްނުދޭ ކަމަށް ވެސް ބޭރުގެ މީޑިއާތަކުން ބުނެފައިވެ އެވެ.
ޖޫލިއާ ފަރީދާ ކައިވެނިކުރުމަށްފަހު، 2006 ވަނަ އަހަރުން ފެށިގެން އެދެމަފިރިން ދިރިއުޅެމުންދިޔަނީ ހޮން ކޮންގައި ކަމަށާއި ކައިންވެންޏަށް ތިން އަަހަރުގެ އަންހެން ކުއްޖަކު ލިބިފައިވާ ކަމަށް މަޑަވެލީގައި ދިރިއުޅެމުންދާ ފަރީދުގެ އާއިލާއިން ބުނެ އެވެ. އެދެމީހުން ދިމާވީ ފ. އަތޮޅުގެ ފިލިތެޔޮ ރިސޯޓުގައި ދެމީހުން މަސައްކަތްކުރަމުންދިޔަ އިރެވެ.