ވޮޝިންޓަން (އޮގަސްޓު 25): އެމެރިކާއިން ޣައްޒާ އާއި ހުޅަނގު އައްސޭރިއަށްދޭ 200 މިލިއަން ޑޮލަރުގެ އެހީ އެހެން ކަމަކަށް ބޭނުން ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރައްވައިފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެފަދައިން ނިންމާފައި ވަނީ އެމެރިކާގެ މަސްލަހަތަށް ފައިދާ ހުރި ގޮތަކަށް އެފައިސާ ބޭނުން ކުރުމަށްޓަކައި އެވެ.

އެޑިޕާޓްމެންޓުން ވަނީ ޣައްޒާގައި ހަމާސްއިން ވެރިކަން ކުރަމުން ދިޔުމަކީ އެސަރަހައްދަށްދޭ އެހީ ކަނޑާލަން ނިންމި އެއް ސަބަބު ކަމަށް ބުނެފަ އެވެ. އެމެރިކާ އައި އިސްރާއީލުން ވަނީ ހަމާސްއަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ކަނޑައަޅާފައި އެވެ.

މިދިޔަ ޖެނުއަރީ މަހު އެމެރިކާ އިން ވަނީ، ފަލަސްތީނަށް އެހީވާ އދ.ގެ ޖަމްއިއްޔާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީއަށް އެގައުމުންދޭ 125 މިލިއަން ޑޮލަރުގެ އެހީގެ ތެރެއިން 65 މިލިއަން ޑޮލަރުގެ އެހީވެސް ހިފެހެއްޓުމަށް ނިންމާފައި އެވެ.

ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް މިދިޔަ އަހަރު އެމެރިކާ އިން ބަލައިގަތް ފަހުން އެމެރިކާ އާއި ފަލަސްތީނުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އަދި އެނިންމުމާ ގުޅިގެން، އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހަ ގެނައުމަށް ކުރާ މަސައްކަތްތަކުގައި މެދުވެރިއެއްގެ ރޯލު އަދާ ކުރުމުގެ ހައްގު އެމެރިކާއަށް ގެއްލިފައިވާ ކަމަށް ފަލަސްތީނުން ވަނީ ބުނެފަ އެވެ. (ބީބީސީ)