25 Aug 2018, 10:15
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ނޭހާ ދުފިއާ އޭނާގެ ފިރިމީހާ ކާމިޔާބު އެކްޓަރު އަންގަދު ބޭޑީގެ ދަރިޔަކަށް ބަލިވެ އިންކަން ކަށަވަރުކޮށްދީފި އެވެ.
މީގެ ކުރިން ވެސް ވަނީ ނޭހާ ބަނޑު ބޮޑު ކަމަށް ބުނެ އަޑުތައް ފެތިރުފަ އެވެ. ނަމަވެސް އެ ދެ މަފިރިން އޭރު އެކަން އޮތީ ސިއްރުކޮށްފަ އެވެ. ނޭހާ އިނީ އަންގަދުގެ ދަރިޔަކަށް ބަލިވެއިންކަން ވަނީ އެމީހުންގެ ޓްވިޓާ އެކައުންޓުގައި ޝާއިރު ކުރި ފޮޓޯތަކުން ހާމަކޮށްދީފަ އެވެ.
އުމުރުން 37 އަހަރުގެ ނޭހާ އާއި 35 އަހަރުގެ އަންގަދުގެ ކައިވެނީގައި ގޮށް ޖަހާލެވުނީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހު އެވެ. އޭގެ ތިން މަސް ފަހުން ނޭހާ މީނީ މިހާރު އަންގަދުގެ ދަރިޔަކަށް ބަލިވެ އެވެ.
Here’s to new beginnings ...#3ofUs.... ????????#satnamwaheguruੴpic.twitter.com/60gRk9a1KH
— Neha Dhupia (@NehaDhupia)August 24, 2018
ދާދިފަހުން މި ދެމަފިރިން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އެމީހުންގެ ޗުއްޓީ ހޭދަ ކުރީ ށ. އަތޮޅު ސިއްރު ފެންފުށި ރިސޯޓުގަ އެވެ.
ނޭހާ އެންމެ ފަހުން ފެނިގެންދިޔައީ މި އަހަރު ރިލީޒްކުރި ނެޓްފްލިކްސް އެންތޮލޮޖީ ސީރީޒް "ލަސްޓް ސްޓޯރީޒް" އިންނެވެ. އަދި އަންގަދު އެންމެފަހުން ފެނިގެންދިޔައީ މިދިޔަ ޖުލައި މަހު 13ގައި ރިލީޒްކުރި ފިލްމު "ސޫރްމާ" އިންނެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ކާޖޮލްގެ "ހެލިކޮޕްޓާ އީލާ" އިން ވެސް ނޭހާ ފެނިދާނެ ކަމުގެ އަޑެއް މިވަނީ އަރައިފަ އެވެ.