މީސް މީޑިއާގައި ވައިރަލްވި ވީޑިއޯގައި ފެނިގެންދިޔަ، ގަނާ ކުރުމުގެ ޝިކާރައަށްވި އަންހެން ކުއްޖާ ގެއްލިގެން ހޯދަން ފަށައިފި އެވެ.

އިއްޔެއިން ފެށިގެން މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެނިގެން ދަނީ ދިވެހި ތިން އަންހެން ކުއްޖަކު ގްރޫޕު ހަދާލާފައި އެހެން އަންހެން ކުއްޖަކަށް އަނިޔާކޮށް، ހުތުރު ބަހުން ވާހަކަ ދައްކައި، އިންޒާރުދޭ މަންޒަރެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެ ވީޑިއޯ އެނަލައިޒްކޮށް އެ ކުއްޖާ ދެނެގަނެވިފައިވާ ކަމަށެވެ.

އެ ކުއްޖާ އަކީ ގދ. ތިނަދޫ އާބާދުވާދީ، އުމުރުން 15 އަހަރުގެ ނަޝްފާ ހަސަން ކަމަށް ފުލުހުން ބުންޏެވެ.

އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 3000600 އަދި 9790163 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

މި މަހުގެ 24 ވަނަ ދުވަހު ފޭސްބުކުގައި ދައުރުވި އެ ވީޑިއޯގައި ފެނިގެންދާ ހާދިސާ ހިނގީ ހުޅުމާލޭގައި ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.

އެ ވީޑިއޯ އާންމު ވުމާއެކު އިއްޔެ ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުނެފަ އެވެ.

ވީޑިއޯ އާންމުވުމާއެކު ގިނަ ބަޔަކު ވަނީ ގަނާ ކުރުމާ ދެކޮޅަށް އަޑު އުފުލައި އެ މައްސަލަ ބެލުމަށް ފުލުހުންނަށާއި ކަމާ ބެހޭ އެހެން ފަރާތްތަކަށް ގޮވާލައިފަ އެވެ.