24 Aug 2018, 17:01
އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރީ - ރަޖިސްޓްރީ ކުރުމުގައި ހައްޖާޖީންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ތަފާތު އެކި ސަބަބުތަކާ ހެދި ސައްހަ ކަން ކަށަވަރުނުވާ ރީ - ރަޖިސްޓްރޭޝަން ފޯމްތައް ބާތިލްކުރިއިރު، އޭގެތެރޭގައި ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއާ އަށް ގޮސް ތިބި ބައެއް ފޯމްތައް ހިމެނޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އެ ހައްޖާޖީން އެނބުރި ރާއްޖެ އާދެވޭއިރު، އަލުން ފޯމް ހުށަހަޅަން ދީފައިވާ މުއްދަތު ހަމަވެދާނެ ކަމަށާއި އެކަމުގެ ސަބަބުން ވޯޓު ލުމުގެ ހައްގު އެމީހުންގެ ކިބައިން ނިގުޅައިގަނެވިގެންދާނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް "ސަން" އަށް މިއަދު ވިދާޅުވީ ބާތިލްކުރި ފޯމްތަކުގެ ތެރޭގައި ހައްޖާޖީން ހިމެނޭތޯ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ބަލަމުން އަންނަ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން ވާނީ އާންމުކޮށްފަ، ތަފާތު އެކި ސަބަބުތަކާ ހެދި ސައްހަ ކަން ކަށަވަރު ނުވެގެން ބާތިލްކުރި މީހުންގެ ލިސްޓު. މި ލިސްޓުގައި ހައްޖާޖީން ހިމެނޭތޯ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް މިދަނީ ބަލަމުން،" އަކުރަމް ވިދާޅުވިއެވެ.