24 Aug 2018, 17:47
ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ފޫބެއްދުމަށް ރެއާލުން ކުރަމުން އައި މަސައްކަތް ގާތްގަނޑަކަށް ކާމިޔާބުކޮށްފިއެވެ.
ރެއާލުން ވަނީ، ރޮނާލްޑޯގެ ބަދަލުގައި، އޭނާ ނެތްތަން ފޫބެއްދުމަށް، ސެލްޓަ ވީގޯގެ ސްޕެނިޝް ފޯވާޑް ލާގޯ އަސްޕަސް ގެނައުމަށް އެ ކްލަބާއެކު މިހާރު އެއްބަސްވުމަކަށް އައިސްފައެވެ.
މިފަހަރުގެ ހޫނުމޫސުމުގެ ޓްރާންސްފަރގެ ކުރީކޮޅުގައި ރޮނާލްޑޯ އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވުމާ ގުޅިގެން އޭނާގެ ބަދަލުގައި ކުޅުންތެރިއަކު ހޯދުމަށް ރެއާލުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ރެއާލްގެ ހުރިހާ ޝަރުތުތަކަކާ އަސްޕަސް އެއްބަސްވެފައި ވާއިރު، މިހާރު އެ ޓްރާންސްފަރ ކުރިއަށް ދިއުމަށް އޮތް ހަމައެކަނި ހުރަހަކީ ސެލްޓާ ވީގޯގެ އާނބަހެވެ.
ސެލްޓާއިން އުމުރުން 31 އަހަރުގެ އަސްޕަސް ދޫނުކޮށްފި ނަމަ ރެއާލުން އޮތީ، ވެލެންސިއާއަށް ކުޅެމުން އަންނަ ސްޕެއިން ފޯވާޑް ރޮޑްރިގޯ ގެނައުމަށް ވެސް ކުޅުންތެރިޔާއާ ދެމެދު ގާތްގަނޑަކަށް އެއްބަސްވުމަކަށް އައިސްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވެލެންސިއާގެ ޕްރެޒިޑެންޓް އަނިލް މާރތީ ވިދާޅުވެފައި ވަނީ، ރެއާލުން ރޮޑްރިގޯ ގެންދަން ބޭނުންނަމަ އޭނާގެ 120 މިލިއަން ޔޫރޯގެ ފީއެއް ދައްކަން ޖެހޭނޭ ކަމަށެވެ.
ރޮޑްރިގޯ ވަނީ، މިދިޔަ ސީޒަންގައި ވެލެންސިއާއަށް އޭނާ ކުޅުނު 37 މެޗުގައި ޖުމުލަ 16 ލަނޑު ކާމިޔާބުކޮށްފައެވެ.