24 Aug 2018, 15:22
ޖެނީވާ (އޮގަސްޓް 24) : ސީރިއާގައި ތިބި އީރާން ސިފައިންނަކީ އެގައުމުން ބޭރުކުރަންޖެހޭ ބައެއް ކަމަށާ އެއީ މެދުއިރުމަތީގައި އެމެރިކާ ގެންގުޅޭ ސިޔާސަތުގައި އެންމެ އިސްކަންދޭ އެއްކަންތައްކަމަށް އެމެރިކާ ބުނެފިއެވެ.
އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން ވިދާޅުވީ ސީރިއާގައި ތިބި އީރާން ސިފައިންނަކީ އިސްރާއީލަށް ހުރި ނުރައްކަލަކަށްވާތީ އެ މީހުން ކޮންމެހެން ސީރިއާއިން ބާލަންޖެހޭކަން ރަޝިއާގެ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ ވެރިޔާ ނިކޮލައި ބެތުރުޝީވަށް ދަންނަވާފައިވާނެ ކަމަށެވެ.
ބޯލްޓަން ވަނީ ބުރާސްފަތި ދުވަހު ޖެނީވާގައި ރަޝިއާގެ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ ވެރިޔާ ނިކޮލައި ބެތުރުޝީވްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ބެތުރުޝީވް ވަނީ ސީރިއާގައި ތިބި އީރާން ސިފައިން ބޭލުމާއި ނުބޭލުމަކީ ސީރިއާ ސަރުކާރުގެ ކަމެއް ކަމަށާއި އެކަމާ ރަޝިއާއަށް ކުރެވޭނެ ކަމެއް ނޯންނާނެކަން ބޯލްޓަންއަށް ދަންނަވާފައެވެ. އެއީ އީރާން ސިފައިން ސީރިއާގައި ތިބެނީ ސީރިއާ ސަރުކާރުގެ އެދުމުގެ މަތިން ކަމަށް ވާތީކަން ބެތުރުޝީވް ހާމަކުރެއްވިއެވެ.
މިއާ އެކު ބެތުރުޝީވް ވަނީ ސީރިއާގައި އެމެރިކާ ސިފައިން ތިބެނީ އެގައުމުގެ ސަރުކާރުގެ ހުއްދައަކާނުލައި ކަމަށްވާތީ އެމެރިކާ ސިފައިން ސީރިއާއިން ބާލަންޖެހޭކަން ބޯލްޓަންއަށް ދަންނަވާފައެވެ. އެމެރިކާ ވަނީ ސީރިއާގެ މިނިވަންކަމާއި ސިޔާދަތަށް ގޮންޖެހުމަށްފަހު ސީރިއާގެ އިރުއުތުރުގެ މަންބަޖް ސަރަހައްދުގައި ފައިހަރުކޮށްލާފައެވެ.
މީގެއިތުރުން ސީރިއާ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވާކަމުގެ ތުހުމަތުވެސް އެމެރިކާގެ މައްޗަށް ވަނީ ކުރެވިފައެވެ. އެމެރިކާއިން ސީރިއާގެ ޓެރަރިސްޓުންނަށް ވާގިވެރިވާކަމުގެ ތުހުމަތުތައް ސީރިއާ ސަރުކާރުގެ އިތުރުން އަވަށްޓެރި ތުރުކީންވެސް އެމެރިކާގެ މައްޗަށް ކުރެއެވެ.
ބޯލްޓަން ވަނީ ޖެނީވާއަށް ވަޑައިގެންނެވުމުގެ ކުރިން އިސްރާއީލަށް ވަޑައިގެން އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ބޯލްޓަންއާއި ނަތަންޔާހޫގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ ސީރިއާގައި އީރާން ސިފައިން ތިބޭ ތިބުމާ ބެހޭގޮތުންނާ އަދި އީރާނަށް ފިއްތުންތައް ކުރިމަތިކުރުމާ ބެހޭ ގޮތުންނެވެ.
އެ ބައްދަލުކުރެއްވުމަށްފަހު ބޯލްޓަން ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން ކުރާ މަސައްކަތް ހުއްޓުވުމަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައްކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިސްރާއީލުން ފަލަސްތީނުގެ އާންމުން ޝަހީދުކޮށް އެމީހުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކަށާއި އިސްރާއީލުން ސީރިއާއަށް ދޭ އުދުވާނީ ހަމަލާތަކާ ބެހޭގޮތުން ބޯލްޓަން އެކައްޗެއްވެސް ވިދާޅެއް ނުވެއެވެ.
ބޯލްޓަންއާ ބައްދަލުކުރެއްވުމަށްފަހު ނަތަންޔާހޫ ވަނީ މެދުއިރުމަތީގައި އަމަނާއި ސުލްޙައަށް މަސައްކަތްކުރާ ހުރިހާ ގައުމުތަކެއްވެސް ތިބޭން ޖެހޭނީ އެމެރިކާއާ ބައިވެރިވެގެން އީރާނަށް ފިއްތުންތައް ކުރިމަތިކުރުން މަތީގައި ކަމަށް ވިދާޅުވެފައެވެ. އަދި އީރާނަށް ފިއްތުންތައް ކުރިމަތިކޮށްގެން ނޫނީ އީރާނުގެ އުދުވާން ނުހުއްޓުވޭނެ ކަމަށް ވިދާޅުވެ ނަތަންޔާހޫ ވަނީ ފަލަސްތީނާ ދެކޮޅަށް އިސްރާއީލު ހިންގާ އުދުވާނުގެ ބަދަލުގައި ދުނިޔޭގެ ނަޒަރު އީރާނާއި ސީރިއާއާ ދިމާއަށް އަނބުރާލާފަދަ ބީދައަކުން ވާހަކަ ދައްކަވާފައެވެ.
ބޯލްޓަންއަކީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަން ބަޔާންކޮށް ދޮގު ރިޕޯޓެއް ނެރުމަށް 2002 ވަނަ އަހަރު އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއަށް އެންގެވި ބޭފުޅެކެވެ. އެއީ ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައެވެ. އޭރުގެ ބޯލްޓަން ހުންނަވަނީ އދގައި ހުންނަވާ އެމެރިކާގެ މަންދޫބުކަމުގެ މަގާމުގައެވެ.
(ނޫސްއެޖެންސީތައް)