ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފައްދަވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ރަޖިސްޓްރީ ކުރުމަށް 3600 މީހުންގެ ސޮޔާ އެކު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.

އޭފޯސައިޒް ކަރުދާސް ހުސްކުރި ހަތަރު ގަނޑު ފޮށީގައި ހުރި ފޯމްތައް މިއަދު ހަވީރު ތިނެއް ޖަހާ އެހާކަންހާއިރު އިލެކްޝަނަށް ހުށަހެޅުއްވީ މައުމޫންގެ ދޮށީ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އެވެ.

އެހެން ސިޔާސީ ޕާޓީތައް ރަޖިސްޓްރީ ކުރަން ހުށަހަޅާ ފޯމްތަކާ ކޮމިޝަންގެ މެންބަރުން ހަވާލުވެ ވަޑައިގަތް ނަމަވެސް މިއަދު އެ ފޯމްތަކާ ހަވާލުވީ ރިސެޕްސަނިސްޓެކެވެ. އެ ފޯމްތަކާ ހަވާލުވިކަން އަންގާ ޗިޓް ފާރިޝްއަށް ހަވާލުކުރުމަށް ފަހު ރިސެޕްޝަނިސްޓް ވިދާޅުވީ "ސެކްރެޓޭރިއަޓަށް އެ ފޯމްތައް ރައްދުކުރުމަށް ފަހު ނިންމަވާ ވަކި ގޮތެއް އަންގަވާނެ" ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދު ބުނާ ގޮތުން ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް 3000 މީހުންގެ ސައްހަ ސޮއި އިލެކްޝަންސް އަށް ހުށަހަޅަންޖެހެ އެވެ. ފޯމްތައް ހަވާލުކުރުމަށް ފަހު އިލެކްޝަންސްގެ ކުރިމަތީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އަލީ އާރިފް ވިދާޅުވީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް އަށް މިއަދު ފޯމް ހުށަހަޅާފައި ވަނީ ގާނޫނީ އަދަދަށް ވިހި ޕަސެންޓުގެ މާޖިންއެއް ލުމަށްފަހުގައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ހެޔޮއެދޭ ވަރަށް ގިނަ ބަޔެއްގެ މަސައްކަތުން އަޅުގަނޑުމެން މިއަދު ޕީޕީއެމް އުފެއްދުމަށް މި ހުށަހެޅީ ގާނޫނީ އަދަދަށް 20 ޕަސެންޓުގެ މާޖިންއެއް ލުމަށް ފަހު. މިޕާޓީ ރަޖިސްޓްރީ ކުރަން ވެސް މި ހުށަހެޅީ ޕާޓީ އުފެއްދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ދޫކޮށްފައިވާ މައުމޫން އަބްދުލްގައްޔޫމްގެ ދޮށީ ދަރިކަލުން ފާރިޝްގެ ނަމުގައި،" އާރިފް ވިދާޅުވި އެވެ.