ސައުދީ އަރަބިއްޔާއާއި ކެނެޑާއާ ދެމެދު ޖެހިފައިވާ ޚާރިޖީ މައްސަލަތައް ހައްލުކުރުމަށް ދެ ގައުމުން ވާހަކަދައްކައި، މަޝްވަރާކުރަމުން ގެންދާ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ހާމަކުރައްވައިފި އެވެ.

ކެނެޑާއާއި ސައުދީއާ ދެމެދު މައްސަލަތަކެއް ޖެހުނީ، ސައުދީން ހައްޔަރުކުރި އެގައުމުގެ އެކްޓިވިސްޓުންތަކެއް ދޫކޮށްލުމަށް ކެނެޑާއިން ގޮވާލުމުންނެވެ. ކެނެޑާއިން އެކަމަށް ގޮވާލީ، ކެނެޑާގެ ފޮރިން މިނިސްޓަރު ކުރެއްވި ޓްވީޓެއް މެދުވެރިކޮށެވެ. ރިޔާދުގައި ހުންނަ ކެނެޑާގެ އެމްބަސީން ވަނީ އެ ޓްވީޓު އަރަބި ބަހުން ވެސް ކޮށްފަ އެވެ.

މިކަމާ ހިތްހަމަނުޖެހި، ސައުދީން ވަނީ ކެނެޑާއާ އެކު ހިނގަމުން ދިޔަ ހުރިހާ ވިޔަފާރި މުއާމަލާތެއް ހުއްޓާލައިފަ އެވެ. އަދި ސައުދީގައި ހުންނަ ކެނެޑާގެ ސަފީރު އެގައުމުން ބޭރުކޮށްލައި، އަދި ކެނެޑާގައި ތައުލީމު ހާސިލުކުރަމުން ދިޔަ ސައުދީގެ ހުރިހާ ދަރިވަރުން އަނބުރާ ގައުމަށް ގެނަ އެވެ.

މީގެ އިތުރުން ސައުދީން ވަނީ ކެނެޑާއަށް ކުރާ ވައިގެ ދަތުރުފަތުރު ވެސް ހުއްޓާލައިފަ އެވެ.

ކެބިނެޓު ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ކެނެޑަގެ ބޮޑުވަޒީރު ޓްރޫޑޯ ވިދާޅުވީ އެގައުމުން ދަނީ ސައުދީ އަރަބިއްޔާއާ ޚާރިޖީ ގޮތުން މަޝްވަރާތައް ކުރަމުން ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ގައުމުތަކާ ރަނގަޅު ގުޅުން ބޭއްވުމަކީ މުހިންމު ކަމެއް،" ޓްރޫޑޯ ވިދާޅުވި އެވެ.

ޓްރޫޑޯ ވިދާޅުވީ، މަޝްވަރާ ކުރަމުން ދިޔަ ނަމަވެސް ކެނެޑާއިން ވަނީ ސައުދީގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާހަގަކޮށްފައި ކަމަށެވެ.

ޓްރޫޑޯ މީގެ ކުރިން ވެސް ވަނީ، ސައުދީއާ އެކު ސުލްހަވާން ބޭނުންވާ ކަމަށާއި ނަމަވެސް ހައްގުތަކުގެ ވާހަކަ ދެއްކުން ކެނެޑާއިން ހުއްޓާނުލާނެ ކަމަށް ބުނެފަ އެވެ.