24 Aug 2018, 11:30
އޮސްޓްރޭލިއާގެ ވެރިކަން ކުރާ ޕާޓީ، ލިބަރަލް ޕާޓީން ބޮޑުވަޒީރު މެލްކަމް ޓާންބުލްއަށް ކުރި ތާއީދު އަނބުރާ ގެންގޮސް، ބޮޑުވަޒީރުކަމުން އޭނާ ވަކިކޮށްފިއެވެ. މިއާ އެކު، ޓާންބުލް ވަނީ ގާނޫނު ހަދާ މަޖިލީހުންވެސް އިސްތިއުފާދެއްވުމަށް ނިންމަވާފައެވެ.
ޓާންބުލް ވަކިކުރުމާ އެކު ބޮޑުވަޒީރުކަމަށް ދެން އިސްވާނީ އޭނާގެ ސަރުކާރުގައި އޮސްޓްރޭލިޔާގެ ޓްރެޜަރާ (ޚަޒާންދާރު)ގެ މަގާމު އަދާކުރެއްވި ސްކޮޓް މޮރިސަންއެވެ.
ވެރިކަން ކުރާ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވި ޓާންބުލްއަށް އޮތް ތާއީދު، ޕާޓީ މެމްބަރުން އަނބުރާ ގެންދިއުމާ އެކު އެ ޕާޓީގެ ލީޑަޝިޕުން ނެގި ވޯޓު ކާމިޔާބުކޮށް، ޕާޓީ ލީޑަރުކަމަށް އިންތިހާބުވި ސްކޮޓް މޮރިސަން ވެގެންދާނީ 10 އަހަރު ތެރޭގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަން ކުރައްވާ ހަވަނަ ބޭފުޅާއަށެވެ.
ދުނިޔޭގެ އެކިއެކި މާލީ އިދާރާތަކުން ވަނީ އާ ބޮޑުވަޒީރު މޮރިސަންއަށް މަރުހަބާ ވިދާޅުވެފައެވެ. ސިންގަޕޫރުގެ ޓީޑީ ސެކިއުރިޓީސްގެ ޗީފް އޭޝިއާ-ޕެސިފިކް މެކްރޯ ސްޓްރެޓީޖިސްޓް އެނެޓް ބީޗާ ވިދާޅުވީ، މޮރިސަންއަކީ އެ މަގާމަށް އެންމެ އެކަށޭނަ، އެންމެ "މާކެޓް ފްރެންޑްލީ" ފަރާތް ކަމަށެވެ.
ޕާޓީގެ ލީޑަޝިޕަށް ގެނައި ބަދަލަކާ އެކު އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަމުން މެލްކަމް ޓާންބުލް ވަކިކުރި އިރު، އޭނާވެސް ބޮޑުވަޒީރުކަމަށް 2015 ވަނަ އަހަރު ވަޑައިގަތީ އޭރުގެ ބޮޑުވަޒީރު ޓޯނީ އެބޮޓަށް ޕާޓީގެ ލީޑަޝިޕުން ކުރި ތާއީދު އަނބުރާ ގެންދިއުމުންނެވެ.
ބޮޑުވަޒީރުކަމާ އަލަށް ހަވާލުވެވަޑައިގަންނަވާ 50 އަހަރުގެ ސްކޮޓް މޮރިސަން މީގެ ކުރިން ވަނީ ޓޯނީ އެބޮޓްގެ ސަރުކާރުގައި މިނިސްޓަރ އޮފް ސޯޝަލް ސާވިސެސްއާއި މިނިސްޓަރ އޮފް އިމިގްރޭޝަން އެންޑް ބޯޑާ ޕްރޮޓެކްޝަންކަންވެސް ކުރައްވާފައެވެ.