24 Aug 2018, 11:29
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލުމަށް ހުށަހެޅި ރީ ރެޖިސްޓްރޭޝަން ފޯމްތަކުގެ ތެރެއިން ބާތިލުކުރި5626 ފޯމްގެމައުލޫމާތު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.
އީސީން ރޭ ކުރިއިއުލާނެއްގައިބުނެފައިވަނީ 5،626 ފޯމު ބާތިލުކޮށްފައިވަނީ ސައްހަކަން ކަށަވަރުނުވާތީ ކަމަށާއި އެ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް ތިން ދުވަސް ދެއްވާނެ ކަމަށެވެ.
ފޯމް ދޫކުރުމާއި ބަލައި ގަތުން ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ. ހުރިހާ ރަށެއްގެ ރަށު ކައުންސިލު އިދާރާތަކުންނާއި އައްޑޫ އަދި ފުވައްމުލަކު ސިޓީގެ އަވަށު އޮފީސްތަކުންނާއި މާލޭގައި ނަމަ ބާ ޖަމާލުއްދީނުގައި ހުންނަ އިންތިހާބީ މަރުކަޒުން ފޯމު ލިބެން ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ރާއްޖެއިން ބޭރުގައި ނަމަ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ އެތަނެއްގައި ހުންނަ ކޮންސިއުލޭޓް އޮފީސްތަކުންނާއި އެމްބަސީތަކުން ހެނދުނު 9:30 އިން ފެށިގެން ހަވީރު 4:00 އަށް ކަމަށް އިލެކްޝަނުން ބުނެއެވެ.
އިލެކްޝަނުން އަލުން ހުޅުވާލާ މުއްދަތުގައި ހަމަ އެކަނި އަލުން ރީ ރެޖިސްޓްރޭޝަން ފޯމު ހުށަހެޅޭނީ މައްސަލަ ޖެހުނު 5،626 މީހުންނަށް އެކަންޏެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ބަދަލުނުކޮށްފިނަމަ އެ ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށް އިލެކްޝަނުން ބުނެއެވެ.
އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބެއެވެ. ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަންތަނަށް ވޯޓުލުމަށް އެދި 95،000 އަށް ވުރެ ގިނަ ފޯމު ހުށަހެޅިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.