ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނަކަށް ވޯޓުލުމަށް އެދި ހުށަހެޅި ފޯމްތައް އެއްވެސް ފަރާތަކާ ހިއްސާ ކޮށްފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރީ ރެޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމްތައް ވެރިކަން ކުރާ ޕީޕީއެމްއަށް ލިބިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. އަދި އެކަމުގެ ޝަކުވާ އިދިކޮޅު މައި ޕާޓީ އެމްޑީޕީން ވަނީ އިލެކްޝަނަށް ހުށަހަޅާފަ އެވެ.

އެކަމާ ގުޅުގިން 'ސަން' އިން ސުވާލު ކުރުމުން އިސީގެ ތަރުޖަމާނު އަދި މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އެ ކޮމިޝަނަށް ހުށަހަޅާ އެއްވެސް ލިޔުމެއް ޕީޕީއެމް އަދި އެހެން އެއްވެސް ޕާޓީއަކަށް ނުވަތަ މީހަކަށް ވެސް ދީފައި ނުވާނެ ކަމަށެވެ.

"ރީ ރެޖިސްޓްރޭޝަންގެ މައުލޫމާތު ލީކް ވެފައިވާ ކަމަށް އީސީއަށް މައްސަލަ ހުށަހަޅާފައިވާތީ އެކަން ކޮމްޕްލެއިންސް ބިއުރޯ އިން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން،" އަކްރަމް ވިދާޅުވިއެވެ.

އީސީއަށް ޝަކުވާ ހުށަހެޅުމުން އެ ކޮމިޝަނުން އިއްޔެ ވަނީ އެ ފަރާތްތަކާ ބައްދަލުކޮށްފައި ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި މައްސަލަ ބެލުމަށްފަހު އެއްވެސް ފަރާތެއްގެ އިހުމާލެއް ވާނަމަ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން މައްސަލަ ހުށަހެޅުއްވި ޕާޓީތަކަށް ދީފައިވާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނަކަށް ވޯޓުލުމަށް ރީ ރެޖިސްޓާ ކުރުމަށް ހުށަހެޅި ފޯމްތަކުގެ ތެރެއިން 5626 ފޯމްގައި މައްސަލަ ހުރުމުން ބާތިލްކޮށް، އެ މީހުނަށް އަލުން ރީ ރެޖިސްޓްރޭޓްވުމަށް ތިން ދުވަސް ދިނުމަށް އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މެސެޖް ފޮނުވާ މީހުނަށް އަލުން ރީ ރެޖިސްޓްރޭޝަން ފޯމް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާނީ މި މަހުގެ 27 އިން ފެށިގެން 29 އަށް ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި އެ ކޮމިޝަނުން މެސެޖް ފޮނުވާ މީހުންގެ އިތުރުން އެއްވެސް މީހަކަށް އަލުން ރީ ރެޖިސްޓްރީ ފޯމް ހުށަހެޅުމުގެ ފުރުސަތެއް ނެތް ކަން އަކްރަމް ފާހަގަކުރެއްވި އެވެ.