އެމްޓީސީސީން 151 މުވައްޒަފަކު ވަކިކުރަން ނިންމުމާ ގުޅިގެން ކުންފުނީގެ ބައެއް މުވައްޒަފުން ހާސްކަމެއްގެ ތެރެއަށް ގެނބި, ބައެއް މުވައްޒަފުންނަށް ނަފުސާނީ އުނދަގޫ ކުރިމަތިވެފައި ކަމަށް އެތާނގެ މުވައްޒަފުން ބުނަން ފަށައިފި އެވެ.

ސަރުކާރާ ރައްޔިތުން ހިއްސާވާ ކުންފުނީގެ ބައެއް މުވައްޒަފުން، ވަނީ ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ސަންގެ ނޫސްވެރިންނާ ވާހަކަ ދައްކާފަ އެވެ. ގިނަ މުވައްޒަފުން ބުނީ މުވައްޒަފުން ކެނޑުމުގެ މެމޯއާ ހަމައިން "ޓީމް އެމްޓީސީސީ"ގެ ރޫހު ގެއްލިފައިވާ ކަމަށެވެ. އަދި ބުނީ އެކަމާ ގުޅިގެން މުވައްޒަފުން ހާސްވެ ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށާއި ކަނޑައިލާ މީހުންގެ ނަންތައް އަދިވެސް ނޭނގޭތީ އާއި އެ ލިސްޓުގައި ނަން އޮވެދާނެތީ އެންމެންވެސް ފިކުރު ބޮޑުވެފައިވާ ކަމަށެވެ.

އެހެން މުވައްޒަފަކު ބުނީ ކުންފުނީގެ ފަރާތުން ނެރެފައިވާ މެމޯއާ ގުޅިގެން މިހާތަނަށް އެއްވެސް މުވައްޒަފަކަށް ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ދީފައިނުވި ނަމަވެސް މިއަދު ބައެއް މުވައްޒަފުންނާ އިންޓަވިއު ކުރަން ފަށާފައިވާ ކަމަށެވެ. އޭގެ ސަބަބުން މުވައްޒަފުން ކަންބޮޑުވެ ނަފުސާނީ އަސަރުތައް ކުރިމަތިވެފައިވާ ކަމަށެވެ.
" ކުންފުނީގެ ގިނަ ސްޓާފުންތަކެއް ތިބީ ކަނޑާލައި ލިސްޓުގައި އެމީހުންގެ ނަން އޮވެދާނެތީ ބިރުން. ގިނަ މީހުންނަކަށް ނުއެއް ކެވޭ، އަނބިދަރިންނާއި އާއިލާއާ މެދު ނުވިސްނޭ، އެހެން ގޮތަކަށް ބުނަނީނަމަ މުޅި ރޫހު ވަނީ ގެއްލިފައި،" ސަންއާ މައުލޫމާތު ހިއްސާ ކުރި އެއް މުވައްޒަފަކު ކިޔައިދިނެވެ. "މައްސަލައަކީ އަދިވެސް ކަނޑައިލަނީ ކޮން ބައެއްކަން ނޭނގޭތީ. އެ ލިސްޓު ނެރުމުން ހަމައަކަށް އެޅިދާނެ،"

އެމްޓީސީސީން 151 މުވައްޒަފަކު ވަކިކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވާއިރު ކަނޑާލަން ހަމަޖައްސާފައިވަނީ ކޮންކޮން މުވައްޒަފުންނެއް ކަމެއް ނުވަތަ ކަނޑާލަނީ ކޮން އުސޫލެއްގެ މަތިން ކަމެއް އަދި މިހާތަނަށް ބަޔާންކޮށްފައެއް ނުވެ އެވެ.

މުވައްޒަފުންގެ މި ވާހަކަތަކާ ގުޅިގެން އެމްޓީސީސީގެ ވެރިއެއްގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވިއެވެ. ނަމަވެސް އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސާ ހުސެއިން އަމުރު ސޮއިކުރައްވާ ނެރެފައިވާ މެމޯއެއްގައި ބުނަނީ އެ ކުންފުނި މިހާރު ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށްޓަކައި ބޮޑެތި ބަދަލުތަކެއް ކުންފުންޏަށް ގެންނަން ޖެހޭ ކަމަށެވެ. އަދި އެކުންފުނީގެ ބައެއް ޑިޕާޓްމަންޓްތައް މަދުކޮށް، 151 މުވައްޒަފުން އުނިކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.