24 Aug 2018, 10:51
ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޝްރައްދާ ކަޕޫރާއި ރާޖްކްމާރު ރާއޯ ލީޑު ރޯލުން ފެނިގެންދާނެ ހޮރޯ ކޮމެޑީ، "ސްޓްރީ"އަކީ މިހާރު އެންމެ އުންމީދީ އެއް ފިލްމެވެ. މި މަހުގެ 31 ވަނަ ދުވަހު ފިލްމު ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ އިރު ފިލްމުގެ ޓީމުން ދަނީ އެކި ގޮތް ގޮތަށް ޕްރޮމޯޝަންތައް ޖައްސަމުންނެވެ.
އެގޮތުން މީގެ ކުރިން މިވަނީ ނޯރާ ފަތެހީގެ އައިޓަމް ލަވައެއް ރިލީޒްކޮށްފައެވެ. "ދިލްބަރް"ގެ ކާމިޔާބީއަށްފަހު މިފަހަރު ދައްކާލީ "ކަމަރިޔާ"އެވެ.
އަނެއްކާވެސް މިއޮތީ "ސްޓްރީ"ގެ އިތުރު އައިޓަމް ލަވައެއް ރިލީޒްކޮށްފައެވެ. މިފަހަރު މަޝްހޫރު ކްރިތީ ސެނަންއެވެ.
"އާއޯ ކަބީ ހަވޭލީ ޕޭ" ނަމަކަށް ކިޔާ އެ ލަވަ ޔޫޓިއުބްގައި އާންމުކުރުމާއެކު ލަވައަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މިހާރުވެސް އަށާރަ މިލިއަނަށްވުރެ ގިނަ މީހުން އެ ލަވަ ބަލައިފިއެވެ.
އެ ލަވައިގައި ކްރިތީ ކަށިގަނޑަކާއެކު ނަށާ މަންޒަރުތައް ދައްކުވައިދެއެވެ. އެ ލަވައިގެ މިއުޒިކް ހެދި ބާދްޝާހުވެސް ވީޑިއޯއިން ފެނިގެންދާ އިރު އެ ލަވައަކީ ފިލްމަކަށް ކްރިތީ ކުޅުނު ފުރަތަމަ ވީޑިއޯ ލަވައެވެ.
ކުޅަދާނަ ޑައިރެކްޓަރު ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް، އަމަރް ކޯޝިކް ޑައިރެކްޓްކޮށްފައިވާ "ސްޓްރީ"އަކީ މިއަހަރަށް ހުރި ފިލްމުތަކުގެ ތެރެއިން ވަރަށް އުންމީދީ ފިލްމެކެވެ.